ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އަލީ ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ޖޫން މަހު ލައިސަންސް ނެތް މީހަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހި ހަފީޒް އެކްސިޑެންޓްވީ ހިނގާފައި ދަނިކޮށެވެ. އެ ހާދިސާގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް ގެންދަން ޖެހުނެވެ.

Ad
rt

ސައިކަލު ދުއްވި ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝުކޫރުގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

ކޯޓުގެ ހުކުމުގައިވަނީ އޭނާގެ އިއުތިރާފުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތަށް ދެ އަހަރަށް ޖަލަށްލާން ހުކުމް ކުރި އެވެ.

ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައިވެ އެވެ.