ވެލާ ކަހަނބާއި، ކަންޒު ކަހަނބާއި، މަޑިއާއި ހިމާޔަތްކޮށްފައިވާ ދޫންނީގެ ބާވަތްތަކާއި އެންމެ ކައިރިއަށް ދެވޭ މިންގަނޑު ބަޔާންކޮށް ގުދުރަތީ ގޮތުން ނުވަތަ ތަބީއީގޮތުން ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދު އިސްލަހްކޮށް މިއަދު އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން މިއަދު ދިވެހި ސަރުކާރުގެ ގެރެޓްގައި ޝާޢިއުކޮށްފައިވާ މި ޤަވާޢިދަށް ވަނީ ޖަދުވަލެއް އިތުރުކޮށްފައެވެ. މި ޤަވާޢިދަކީ ތަބީއީގޮތުން ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދަށް ފަސް ވަނަ އިސްލާހް ގެނައުމުގެ ގަވާއިދެވެ.

Ad
rt

މި ގަވާއިދުގައި ވެލަޔާއި ކަހަނބާއި އެތަކެތީގެ މާހައުލުތައް ރައްކާތެރިކުރާނެގޮތާމެދު ޢަމަލުކުރާނެ އުސޫލާއި، މަޑީގެ ޢާއިލާގެ ހުރިހާ ދިރުމަކާއި އެސޮރުމެންގެ މާހައުލުތައް ރައްކާތެރިކުރާނެގޮތުގެ އުސޫލާއި، ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް ބަލަހައްޓައި، އެތަކެތީގެ މާހައުލުތައް ރައްކާތެރިކުރާނެގޮތާމެދު ޢަމަލުކުރާނު ގޮތުގެ އުސޫލު އަދި ކަންޒު ކަހަނބާއި އެސޮރުމެންގެ މާހައުލުތައް ރައްކާތެރިކުރާނެގޮތުގެ އުސޫލު ބަޔާންކޮށްފަވެއެވެ.

މިގޮތުން މިގަވާއިދުގައި ބުނާ ދިރޭ ތަކެތީގެ ތެރެއިން ވެލާ ނުވަތަ ކަހަނބާއެކު ފީނާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި އެ އެއްޗެއްސަށް އުނދަގޫވާގޮތައް މޫދުގައި ބަކަތަޅައި އަޑުގަދަކޮށްގެން ނުވާނެކަމަށް ބުނެފަވެއެވެ. އަދި އެތަކެއްޗާއެކު ފީނާނަމަ ދާންވާނީ އެތަކެތީގެ އަރިމަތިން ކަމަށާއި، ވެލާ ކަނބާއެކު ފަތާއިރު އަބަދުވެސް އެތަކެއްޗާއި 6 ފޫޓް ދުރުމިނެއް ބަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދުގައި ބުނެއެވެ.

ވެލާ ކަހަނބާއެކު ފީނާއިރު އެ އެއްޗެހި އަޑީގައި އޮންނަ ވަގުތުތަކުގައި އޭގެ މަތިން ފީނުމަކީ މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އަދި ވެލާ ކަހަނބު ފަހަތުން ފައްސާ ހެދުމަކީ ވެސް މަނާކަމެކެވެ. މިގަވާއިދުގެ ދަށުން ވެލާ ކަހަނބު ގުދުރަތީ އެއްވެސް މާހައުލެއްގައި އުޅެނިކޮށް އެތަކެއްޗަށް ކާންދިނުން ވެސް މަނާ ކުރެއެވެ. އަދި އެތަކެތީގެ ތަބީއީ ދިރިއުޅުމަށް އެއްވެސް އަސަރެއްކުރާނެ ކަމެއްވެސް ކޮށްގެންނުވާނެއެވެ.

ވެލާ ކަހަނބު ބިސްއަޅަން އުޅޭއިރު އަޅުގަނޑުމެން ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތައް ވެސް މިގަވާއިދުގައި ބުނެއެވެ. މިގޮތުން ބިސް އަޅަން އޮންނަ ވެލާ ނުވަތަ ކަހަނބާއި 6 ފޫޓަށްވުރެ ކައިރިވެގެންނުވާނެ ކަމަށާއި، އެ ހާލަތުގައި އެއްޗެހީގައި އަތްލައި ހަދައިގެން ނުވާނެކަމަށް މި ގަވާއިދު ބުނެއެވެ.

މިގަވާއިދުގެ ދަށުން ފީނާއިރު، ނުވަތަ ޑައިވް ކުރާއިރު ނޫނީ އެހެން ހަރަކާތެއް ކުރިނަމަވެސް މަދުވެގެން 3 މީޓަރު ދުރުމިނެއް މަޑިއާމެދު ބަހައްޓަންޖެހެއެވެ. އަދި ގުދުރަތީ އެއްވެސް މާހައުލެއްގައި އުޅެނިކޮށް މަޑިއަށް ކާންދީގެން ނުވާނެއެވެ.

މިގަވާއިދުގައި ބަޔާންކުރާ ހިމާޔަތްކޮށްފައިވާ ދޫންނީގެ ބާވަތްތެއް ފެނިއްޖެނަމަ އުޅަނދެއްގައި ނުވަތަ ދުއްވާ އެއްޗެއްގައި ގޮސް 2 މީޓަރަށްވުރެ ކައިރިވުމަކީ މަނާކަމެކެވެ. އަދި ޝިކާރަކުރަން އުޅޭ އައިންމަތީ ދޫނިތައް މަސް ހިފަން އުޅޭއިރު އެއެއްޗެއްސާ ވެސް 10 މީޓަރަށްވުރެ ކައިރިވެގެން ނުވާނެ ކަމަށް މި ގަވާއިދު ބުނެއެވެ.

މި ގަވާއިދުގެ ދަށުން ވަލުތެރެއިން ނުވަތަ އެ ނޫންތަނަކުން ވިޔަސް ކަންޒު ކަހަނބެއް ފެނިއްޖެނަމަ އެޔާއި 1 މީޓަރަށްވުރެ ކައިރިވެގެން ނުވާނެ ކަމަށް ބުނެފަވެއެވެ.

ޤަވާޢިދުގެ ލިންކް: ތަބީއީގޮތުން ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދަށް ފަސް ވަނަ އިސްލާހް ގެނައުމުގެ ގަވާއިދު