ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަރެކާނޯ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ. ރެއާލުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމް (0-0) އެއްވަރު ވެގެންނެވެ.

މި މެޗުން މޮޅުވެ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށް ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ރެއާލަށް އޮތެވެ. ނަމަވެސް ރޭ ދެ ޕޮއިންޓް ގެއްލުމާއިއެކު ރެއާލް އޮތީ ކުޅުނު 12 މެޗުން ލިބުނު 29 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނާގައެވެ. އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ޖިރޯނާއެވެ. ތާވަލުގެ ތިންވަނާގައި 12 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު އޮތީ ޗެމްޕިއަން ބާސެލޯނާއެވެ.

Ad
rt

މުޅި މެޗު ރެއާލުން ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު ވަޔެކާނޯއަށް ރެއާލުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.

ރެއާލުގެ ވަލްވަޑޭއަށް ހުސް ފުރުޞަތެއް ލިބުނުއިރު އޭނާ ފޮނުވާލި ބޯޅަ ވަޔެކާނޯގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެއިތުރުން ހޮސެލޫއާއި ބެލިންހަމް އަދި ވިނީސިއަސްއަށް ލިބުނު ހުސް ފުރުޞަތުތައް ފާހަގަ ކުރެވެއެވެ.

މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވަޔެކާނޯއިން އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައި ނުވެއެވެ. ދެހާސްވަނަ އަހަރުގެ ފަހުން ރެއާލްގެ ދަނޑުގައި މިއީ ވަޔެކާނޯއިން ހޯދި ފުރަތަމަ ޕޮއިންޓެވެ.

މި ސީޒަންގައި ރެއާލްގައި ނޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލިންހަމްގެ ކޮންޑަށް ފުރަތަމަ ހާފުގައި އަނިޔާވުމުން ދަނޑުމަތީގައި ގިނަވަގުތުތަކެއް ވަންދެން އޭނާ ފަރުވާ ހޯދިއެވެ. ފަރުވާއަށް ފަހު އޭނާ ވަނީ މެޗުގައި އެއްކޮށް ކުޅެފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އަންޗެލޮޓީ ބުނީ ބެލިންހަމްގެ ކޮންޑަށް ލިބުނު އަނިޔާގެ ހާލަތު ރެއާލުން ބަލާނެ ކަމަށާއި ގަބޫލްކުރެވޭ ގޮތުގައި އެއީ މާ ސީރިއަށް އަނިޔާއެއް ކަމަށް ނުފެންނަ ކަމަށެވެ.