ހަރުކަށި ފިކުރަކީ ކޮބައިކަމާއި، ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުން އާންމުކޮށްފިއެވެ.

ހަރުކަށި ފިކުރު މާނަކުރުމާއި ގުޅޭގޮތުން އެންސީޓީސީން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި، ގާނޫނީ ހަމަތަކާއި، އާންމު އިޖްތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި، އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

Ad
rt

މިގޮތުން ހަރުކަށި ފިކުރަކީ އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބުނެ، އެ ގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށްހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް އެގޮތަށް ކުރުމުގެ ފިކުރުކަަމަށް އެންސީޓީސީން އާންމުކުރި ލިޔުމުގައިވަނީ ބަޔާންކޮށްފައެވެ.

މިލިޔުމުގައި ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތްވެސް ވަނީ ތަފްސީލުކޮށްދީފައެވެ.

ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ ޠާޢޫތުން ކަމަށާ މުސްލިމުން ނޫންކަމަށް ބުނެ ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަންކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއްކަމުގައި ބުނެ އެކަމަށް ވަކާލާތުކުރާ މީހުންނާއި، މީސްތަކުންނަށް އިހާނެތިިކޮށްހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރުކުރާ މީހުންނާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަކީ ބާތިލް އެއްޗެއްކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވެ ދިވެހި ސަގާފަތާއި ޒަމާންވީ އާދާކާދަތަކަށް އިންކާރުކޮށް ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖްތަމައު ބައިބައިކުރަން މަސައްކަތްކުރާ މީހުންނަކީ އެފިކުރުގެ މީހުންކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ގައުމީ ދިދައާއި ދިވެހި ދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަތުމާއި ސުކޫލްތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސުކޫލަށް ހާޒިރުނުވުމާއި އެފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތުކުރުމާއި ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހުރޫމް ކުރުމާއި، ދިވެހިރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުމާއި އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ، ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުންވެސް ހިމެނެއެވެ.