ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2023" ފަށައިފިއެވެ.

މި މުބާރާތް ފަށާފައިވަނީ ދިވެހިރާއްޖޭގެ ނަސްރުންގެ ދުވަސް ކަމަށްވާ ނޮވެމްބަރ ތިންވަނަ ދުވަހު (އިއްޔެ) ހަވީރު މާރަންދޫގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވަނީ މާރަންދޫ ސްކޫލްގެ އައްޑިހަ ދަރިވަރުން ބައިވެރިކޮށް ނަސްރުންގެ ދުވަހާއިގުޅޭ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މީގެއިތުރުން އިޒްރޭލުން މިހާރު ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އެ އަތޮޅުގެ ރައްޔިތުންގެ އަޑު އުފުލުމުގެ އިތުރުން ފަލަސްތީނަށް އޮތް ލޯބި ވަނީ ދައްކުވައިދީފައެވެ. އަދި ފަލަސްތީނަށް އެހީވުމަށް މުބާރާތް ކުރިއަށްދާއިރު އެ ސަރަހައްދުގައި ފަނޑްފޮށި ވަނީ ބަހައްޓާފައެވެ.

މި މުބާރާތުގައި އިއްޔެ ވަނީ ހަތަރު މެޗު ކުޅެފައެވެ. އުތީމާއި ތަކަންދޫ ބައްދަލުކުރި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ އުތީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުތީމްގެ ޖޯޒީ ނަމްބަރ 7، މުހައްމަދު މަޒީންއެވެ.

މުރައިދޫއާއި އިހަވަންދޫ ބައްދަލުކުރި މެޗު އިހަވަންދޫ ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން 3-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ މުރައިދޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓީމްގެ ޖޯޒީ ނަމްބަރ 10، ހިޝާންއެވެ.

އިއްޔެ ބާރަށާއި އެންމެ ފަހުގެ ޗެމްޕިއަން ފިއްލަދޫއާއި ބައްދަލުކުރި މެޗުގައި ބާރަށުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން 3-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ފިއްލަދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއްލަދޫ ޓީމްގެ ޖޯޒީ ނަމްބަރ 7، އަބްދުﷲ އިހްވާންއެވެ.

އިއްޔެ މާރަންދޫއާއި ކެލާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ މުބާރާތް ހޯސްޓް ކުރަމުން އަންނަ މާރަންދޫއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫ ޓީމްގެ ޖޯޒީ ނަމްބަރ 19، މުހައްމަދު ރަމީޒްއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ހަތަރު މެޗު

މާރަންދޫ – ތުރާކުނު 15:45

ދިއްދޫ – އިހަވަންދޫ 15:45

ވަށަފަރު – ކެލާ 16:50

ތަކަންދޫ - ބާރަށް 16:50

މި މުބާރާތުގައި 11 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެ ރަށްތަކަކީ މުރައިދޫ، އިހަވަންދޫ، ބާރަށް، ފިއްލަދޫ، ކެލާ، މާރަންދޫ، އުތީމް، ތަކަންދޫ، ދިއްދޫ، ވަށަފަރުގެ އިތުރުން ތުރާކުނެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށެވެ.

މިއީ ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ތިލައުތުރު ފުޓްސަލް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ފުރަތަމަ މުބާރާތް ބާއްވާފައި ވަނީ އުތީމުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ