ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް ވެސް އެޖެންޑާކޮށްފިއެވެ.
ނަޝީދު ވަކި ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލިހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ ހުރިހާ ދުވަހަކު ވެސް ސަލާމް ވިދާޅުވެފައެވެ. އެހެންވެ، މި ހަފްތާ އެއްކޮށް ދިޔައީ އެ މައްސަލައިގެ ގޮތެއް ނުނިމިއެވެ.
މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ އާދީއްތަ ދުވަހަށް ވެސް ޖަލްސާއެއް ބާއްވަން ތާވަލުކޮށް، ނަޝީދު ވަކި ކުރުމުގެ ގަރާރު އެޖެންޑާކޮށްފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ މައްސަލަ އަށް ހައްލެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ވަނީ ގޮސްފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ އިރު އަންނަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ.
އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ ނަޝީދުގެ މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު ކަމެއް މަޖިލިހުގައި ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޒިންމާ އަދާ ކުރާނެ ފަސް މެމްބަރަކު ކަނޑައަޅަން ގަވާއިދުގައި ބުނެފައި އޮތް މާއްދާގެ ދަށުން އެ ޖަލްސާ ހިންގޭނެ ކަމަށެވެ.
މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެމްޑީޕީން އެދިފަވެއެވެ.
މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) ގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުދާތީ މަޖިލިހުގައި "މަރުތަޅު" އެޅުވިފައިވާ އިރު، މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ. އަދި ބިލްތަކާއި ގަރާރާއި އެހެނިހެން މައްސަލަތައް ވެސް ކުރިއަކަށް ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!