ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާކުރަން ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
ފަނޑިޔާރު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭނާއަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ނުރުހުން އަމާޒުވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ.
އޭނާއަށް ރިޓަޔާމެންޓް ދޭން ޖޭއެސްސީން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގަ އެވެ. ރިޓަޔާމަންޓާ އެކު ފަނޑިޔާރުންނަށް ކޮންމެ މަހަކު ވެސް ފައިސާގެ އެލަވަންސް ހަމަޖެހެ އެވެ.
ޝަކީލް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް އައްޔަންކޮށް މާގިނަ ދުވަސްތަކެއް ނުވެ ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، 2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަނބުރާ ފޮނުވާލުމަށް ނިންމެވުމާ އެކު އެވެ.
އޭގެފަހުން އަނެއްކާވެސް ޝަކީލް، ކްރިމިނަލް ކޯޓަށް ބަދަލުކުރީ 2019 ވަނަ އަހަރު ތެރޭގައި ސަރުކާރާއި ޖޭއެސްސީ ބަދަލުވެފައި ވަނިކޮށެވެ.
ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
ޔާމީންގެ ލީޑަޝިޕްގެ ދަށުން ހިންގާ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމުގެ މަރުހަލާ ކުރިއަށް ދާއިރު، އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ފަނޑިޔާރު ޝަކީލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!