ޕްރޮގްރެސިވް ކޯލިޝަންގެ ޕްރައިމަރީ ޖެނުއަރީ މަހު ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓުގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިޕްރައިމަރީ އޮންނާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާއި ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުރިމަތިލުމަށް ޑިސެމްބަރު މަހު ހުޅުވައިލާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ޕީޕީއެމް އިން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް ޑިސެމްބަރު 20 އިން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އަންނައަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީ އިން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވެފައިވަނީ ލަފާކުރާ ގޮތުގައި އިންތިހާބު އޮންނާނީ މާރޗް ފަހުކޮޅު ނުވަތަ އޭޕްރީލް ކުރީކޮޅުގައި ކަމަށެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން ހޮވާނެއެވެ، މިހާރު ހިނގަމުންދާ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!