ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ބްރެޒިލް ފޯވާޑް ވިނީސިއަސް ޖޫނިއާ އާއި އެކު އެ ކުލަބުން ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ.

ވިނީސިއަސް ރެއާލާއި ގުޅިފައި ވަނީ 2018 ވަނަ އަހަރު ބްރެޒިލްގެ ފްލެމިންގޯއިންނެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ. ރެއާލާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ މިވަނީ އިތުރު ތިން އަހަރު ރެއާލުގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓް އައުކޮށްފައެވެ. ވުމާއިއެކު އޭނާ 2027 ވަނަ އަހަރުގެ ސީޒަން ނިމުމާއި ހިސާބަށް ރެއާލުގައ މަޑުކުރާނެއެވެ.

Ad
rt

މިހާތަނަށް ވިނީސިއަސް ވަނީ ރެއާލަށް 235 މެޗު ކުޅެ، 63 ލަނޑު ޖަހައިދީފައެވެ. ރެއާލާއިއެކު އޭނާ ވަނީ ސްޕެނިޝް ލީގު ދެފަހަރު، ސްޕެނިޝް ސްޕަ ކަޕް ދެފަހަރު، ކުލަބް ވޯލްޑް ކަޕް ދެފަހަރު ކޮޕަ ޑެލް ރޭ އެއްފަހަރު އަދި ޔޫރަޕިއަން ސްޕަކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ

ކޮންޓްރެކް އައު ކުރުމަށް ފަހު އޭނާ ބުނީ ރެއާލުގައި މަޑުކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި ކޮންޓްރެކްޓް އައު ކުރެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި ރެއާލުގައި ގިނަ އަހަރުތަކަކަށް މަޑުކުރަން ބޭނުންވާ ކަމަށާއި ގިނަ ލަނޑުތަކެއް ޖަހައި ގިނަ ތަށިތަކެއް ރެއާލާއިއެކު ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ. ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ބޮލެންޑިއޯ އެވޯޑް މެސީ އަށްވަނަ ފަހަރަށް ކާމިޔާބުކުރިއިރު އެ އެވޯޑަށް ވާދަކުރި ލިސްޓްގެ ހަވަނާގައި އޮތީ ވިނީސިއަސްއެވެ. މި ހަފްލާގައި ވިނީސިއަސްއަށް ވަނީ ސޮކްރޭޓްސް އެވޯޑް ލިބިފައެވެ. އެ އެވޯޑަކީ ދަނޑުން ބޭރުގައި އިންސާނިއްޔަތަށް ކުރާ މަސައްކަތް ފާހަގަކޮށް ދެމުން އަންނަ އެވޯޑެކެވެ. ކުރިން އަހަރު އެ އެވޯޑް ހޯދީ މިހާރު ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ސަޑިއޯ މާނޭއެވެ.