ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމު ޝަރަފު ރާއްޖެއަށް ލިބިއްޖެއެވެ.
އެކަން ފާހަގަކުރައްވައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެކަމުގެ ޝަރަފްވެރިކަން ފާހަގަކޮށް ރާއްޖެއަށް އެވޯޑެއް ދީފައެވެ. މި އެވޯޑު ދެއްވާފައިވަނީ ނިއުދިއްލީގައި ކުރިޔަށްދާ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ބައްދަލުވުމުގައެވެ.
މި އެވޯޑް ރާއްޖެއާ ހަވާލުކުރީ ޑރ ޕޫނަމް ކެރަތަޕާލް ސިންގއެވެ. ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެޑައިގަތީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމެވެ.
ރާއްޖޭގެ މި ކާމިޔާބީއަށް ޑަބްލިއުއެޗްއޯ އިން މަރުހަބާ ކިޔިއްވާފައިވާއިރު، ރާއްޖޭގެ ސިއްހީ ވުޒާރާ އިން ވަނީ އެ ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދޭން ކެނޑިނޭޅި މަސައްކަތްކުރި ހުރިހައި ސިއްހީ ހިދުމަތްތެރިންނަށް މަރުހަބާ ދަންނަވާފައެވެ.
ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ރާއްޖެއިން މިމަހުގެ ކުރީކޮޅު ފުރިހަމަކޮށްފައިވާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އެބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.
މި ބަލި ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާނަލް އަދި އެކްސްޓާނަލް ވެރިފިކޭޝަންއަށްފަހު 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެފައިވާކަމަށް ރާއްޖޭގެ ސިއްހީ ވުޒާރާ އިން ވިދާޅުވެފައި ވެއެވެ.
"ޒީރޯ ލެޕްރަސީ" ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެ މަސައްކަތް މެދުކަނޑާލުމަށްފަހު، އެޗް.ޕީ.އޭއިން އަނެއްކާ ވެސް މިވަނީ އެ މަސައްކަތް ފަށާފައެވެ.
ޖުޒާމު ބަލި ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެ ވެގެންދާނީ މުޅި ދުނިޔެއިން ވެސް އެންމެ ފުރަތަމަ ލެޕްރަސީ ނައްތާލެވޭ ގައުމުތަކުގެ ތެރޭގައެވެ.
ޖަރާސީމެއްގެ ޒަރީޢާ އިން ގައިންގަޔަށް އަރާ މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. މި ބަލި، ހަށިގަނޑުގެތެރެއަށް ވަނުމަށްފަހު، އަލާމަތްތައް ފެނުމަށް ފަސް ވަރަކަށް އަހަރު ނަގާ ކަމަށް ދިރާސާތަކުން ދައްކައެވެ.
އެހެންނަމަވެސް ބަލި ދެނެގަނެވި ގަވައިދުން ފަރުވާކުރާނަމަ، ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.
މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިހުސާސު ކެނޑިފައި ހުރުން ހިމެނެއެވެ. ބަލި ފެތުރެނީ ބަލިޖެހިހުރިކަން ނޭންގި، ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!