އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

މި ބަޖެޓުގެ ޖުމްލަ އަކީ 49.5 ބިލިއަން ރުފިޔާ އެވެ.

Ad
rt

އެ ވުޒާރާ އިން މަޖިލީހަށް އިއްޔެ ފޮނުއްވާފައިފައި ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާބަލާ އިރު، 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުން މި އަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އަރާއިރު، އަންދާޒާ ކުރައްވާފައިވަނީ މި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދު 47 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ 32 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އަންދާޒާ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން މި އަހަރުގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓު 50 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެކުލަވައިލުމަށް ވެސް ކަނޑައަޅާފައި ވެއެވެ.

އެހެންނަމަވެސް ބަޖެޓުގެ ތަފްސީލު އެނގޭނީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހެޅުމުންނެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް 13 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ފިސްކަލް ސްޓްރެޓެޖީގައިވާއިރު، އެއީ މި އަހަރުގެ ޑެފިސިޓަށް ވުރެ ދެ ބިލިއަން ދަށް އަދަދެކެވެ. އަދި މިއަހަރުގެ ބަޖެޓު ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އަރައެވެ.

އަންނަ އަހަރު ދަރަނި އަނބުރާ ދެއްްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ވެސް ބަޖެޓުން ދައްކައެވެ.