ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމަށް މިހާރު ލިބެންދާ ހުރިހާ ލުއިތަކެއްގެ ޝުކުރު ހައްގުވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް މަޑަވެލިދާއިރާގެ ކުރީގެ މެންބަރު، ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ވަރަށް ސީނިއާކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ރައީސް ޔާމީން ގޭކޮޅަށް ބަދަލު ކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙަށް ޝުކުރު އަދާކުރުމާއި ގުޅިގެންނެވެ.
މުއާޒް ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް މިއަދު ލިބެމުންދާ ކޮންމެ ލުޔެއްގެ ޝުކުރު އަދާކުރަންޖެހެނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ކަމަށެވެ. އަދި ރައީސް ޞާލިޙް ކުރެއްވިކަމަކީ ރ. ޔާމީނަށް އަނިޔާ ދިނުން ކަމަށާއި، އެ ހަގީގަތް އޮޅުވާނުލެވޭނެ ކަމަށް ވިދާޅުވެފަވެއެވެ.
ރައީސް ޔާމީނަށް މިއަދު ލިބެމުންދާ ކޮންމެ ލުޔެއްގެ ޝުކުރު އަދާކުރަންޖެހެނީ އިންތިޚާބީ ރައީސް ޑރ.މުއިއްޒަށް. ރައީސް ސޯލިހު ކުރެއްވިކަމަކީ ރ.ޔާމީނަށް އަނިޔާ ދިނުން. ހަގީގަތް އޮޅުވާނުލެވޭނެ pic.twitter.com/Dja3pZ5e7M
— Muaz Mohamed Rasheed (@muazmr) October 30, 2023
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ރައީސް ޔާމީން ގޭކޮޅަށް ބަދަލުކޮށް ދެއްވުމަށެވެ.
އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމާއެއްގޮަތައް ޔާމީން އެރޭ ވަނީ ގޭކޮޅަށް ބަދަލުކޮށްފައެވެ. އެއަށްފަހު 28 އޮކްޓޯބަރު ދުވަހުގެ ރޭ ޔާމީން ވަނީ ރަށު ބަންދަށް ބަލުކޮށް، ގޭ ބަންދަށް ލުއިތަކެއް ދީފައެވެ. މި ލުޔާ ގުޅިގެން އެމަނިކުފާނަށް މާލެ ސަރަހައްދުގައި، މާލެ، ހުޅުމާލެ، ވިލިމާލޭގައި ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތަކަށް ހާޒިރުވެ، ބައްދަލުކުރުމަށް ބޭނުންވާ މީހުންނާ ބައްދަލުކުރެވޭނެ ގޮތްވަނީ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!