އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވަޑައިނުގެންނެވުމަށް ނިންމަވައިފިއެވެ.
ދައުލަތުގެ ބަޖެޓު މިއަދުގެ ޖަލްސާ އަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ.
އެހެންކަމުން ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓު މަޖިލީހަށް ހުށައެޅުމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައެވެ. އަދި ނިންމެވީ މަޖިލީހަށް ބަޖެޓު ހުށައެޅުމަށް ވަޑައިނުގަތުމަށެވެ.
އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނާއިބު ގާނޫނީ ލަފާ ދެއްވާފައިތީއެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރައްވާފައިވާ ގޮތުގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށައެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިގައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށެވެ.
މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަނީ ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު، ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނެކަމަށެވެ. އަދި ބަޖެޓު ހުށައަޅަންވާނީ ވެސް ފިނޭންސް މިނިސްޓަރުކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަވައި މެންބަރުން ބޮޑު ޗުއްޓީއަށް ވަޑައިގަންނަވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށް ވެސް އެޖެންޑާކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޮވެމްބަރު 1 ގައި ކުރިއަށް ގެންދިއުމަށް ވަނީ ފަސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!