އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި (މެންޗެސްޓާ ޑާބީ)' މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް އެ ޓީންގެ ފިލް ފޮޑެންއަށް ލިބިގެންދިޔައެވެ. ރޮޑްރީ ޔުނައިޓެޑްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ވޯލްކާ ބޮލުން ހުސްކޮށްހުރި ފޮޑެންއަށް ޖައްސާލިވަގުތު ފޮޑެން ހުހަށްހުރެ ފޮނުވާލި ހަމަލާ ދިފާއު ކޮށްފައި ވަނީ ޔުނައިޓެޑްގެ ކީޕަރ އޮނާނާއެވެ. ދެވަނަ ފަހަރަށް އެ ބޯޅަ ހާލަންޑަށް ގޯލުތެރެއަށް ފޮނުވާލުމުގެ ފުރުޞަތު ލިބުނު ނަމަވެސް އޮނާނާ ވަނީ އެ ބޯޅައަށް ހުރަސް އަޅާފައެވެ. އޮނާނާ އަތުގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޔުނައިޓެޑްގެ ޑިފެންޑަރ މެގުއާއެވެ.

Ad
rt

ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ މެކްޓޮމިނޭ ވަނީ ނުރައްކާތެރި ހަމަލާއެއް ސިޓީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ގޯލުގެ މަތީކަނާއި ދިމާލަށް ދިޔަ ބާރު ބޯޅަ ހުއްޓުވީ ސިޓީގެ ކީޕަރެވެ.

މެޗުގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ސިޓީއަށް ޖަހައިދިނީ ހާލަންޑް އެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ސިޓީއަށް ލިބިފައި ވަނީ ޔުނައިޓެޑްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭ ޔުނައިޓެޑް ހުލަންޑް ސިޓީގެ ރޮޑްރީ ގައިގައި ހިފެހެއްޓުމާއި ގުޅިގެންނެވެ. މި ޕެނަލްޓީ ދީފައި ވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ.

ސިޓީއަށް ދެވަނަ ލަނޑު ވެސް ޖަހައިދިނީ ހާލަންޑެވެ. މެޗުގެ 49 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ހުރަސްކުރި ބޯޅަ ހާލަންޑް ވަނީ ހުހަށްހުރެ ބޮލުން ގޯލުގެ ދުރުކަނަށް އަމާޒު ކޮށްލާފައެވެ. ސިޓީގެ ތިންވަނަ ލަނޑު 80 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ފޮޑެންއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. ސިޓީއަށް ދިހަ މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ. ދެވަނާގައި އޮތް އާސެނަލްއަށް ވެސް ދިހަ މެޗުން ވަނީ 24 ޕޮއިންޓް ލިބިފައެވެ. މިވަގުތު އެއްވަނާގައި އޮތީ ޓޮޓެންހަމެވެ. އެ ޓީމަށް ދިހަ މެޗުން ވަނީ 26 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ އަށްވަނާގައެވެ. އެ ޓީމަށް ދިހަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.

ޔުނައިޓެޑް ލީގުގައި ކުޅުނު ފުރަތަމަ ދިހަ މެޗގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. މިއީ 1986/87 ސީޒަނަށް ފަހު ފުރަތަމަ ދިހަ މެޗުގެ ތެރެއިން ޔުނައިޓެޑް ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް މި ސީޒަންގައި މިހާތަނަށް 14 މެޗު ކުޅެފައިވާއިރު އޭގެތެރެއިން ހަތް މެޗުން އެ ޓީމް ވަނީ ބަލިވެފައެވެ.