މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަށް ހަދާފައިވާ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް ނަގައި އެކެއް ނޫނީ ދެ ރަށުގައި އެ ތަކެތި ހަރު ކުރަން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ އިން ހުޅުމާލެ އަށް އަންނަ އިރު ހައިވޭ ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެ ތަނުގައި ހުރި ސޯލާ ޕެނެލްތައް ނަގަން ނިންމާފައިވާ ކަން މުއިއްޒު އިއުލާން ކުރެއްވިއެވެ.

Ad
rt

މުއިއްޒު ވިދާޅުވި ގޮތުގައި އިއާދަ ކުރުވަނިވި ހަކަތަ އާއި ތިމާވެއްޓަށް ހިދުމަތް ކުރުމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި މުހިންމު ކަން ދޭނެ ކަންކަމެވެ. ނަމަވެސް ކޮންމެ ކަމެއް ކުރުމުގައި ރަނގަޅު ގޮތް އޮންނަ ފަދައިން، އެކަން ކުރުމުގައި ވެސް ރަނގަޅު ގޮތް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން، ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި ރާއްޖޭގެ މީހުން ދިރިއުޅޭ އެއް ރަށް ނުވަތަ ދެ ރަށުގައި ސޯލާ ޕެނަލްތައް ހަރު ކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއްކޮށް ސޯލާ ޕަވާ އިން ހިންގޭ ގޮތަށް އެ ތަކެތި ގެންގޮސް، އެ ކަމަށް ފަންޑު ކުރި ފަރާތާ ވެސް މަޝްވަރާކޮށްގެން ނަގައިގެން ގެންގޮސް އެއް ރަށް ނޫނީ ދެ ރަށް އެއްކޮށް ސޯލާ ޕަވާ އިން ހިންގާ ގޮތަށް ބަދަލު ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މި ސޯލާޕެނަލް ސްޓްރަކްޗާއަކީ ވޯލްޑް ބޭންކުގެ އެހީގައި ހުޅުމާލެ-މާލެ ހައިވޭ ސަރަހައްދުގައި ކުރިއަށް ގެންދާ "އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ" (އެސްޕަޔާ) ގެ ދަށުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކެކެވެ. އޭގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

މި ސޯލާ ޕީވީ އިންސްޓޯލްމަންޓުން އަހަރަކު ގާތްގަނޑަކަށް 7.3 މިލިއަން ސޯލާ ޔުނިޓް އުފެއްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ ދެ މިލިޔަން ލީޓަރުގެ ޑީސަލާ އެއްވަރުގެ އަދަދެކެވެ. މިއާއެކު ސަރުކާރުން ތެލަށް ކުރާ ޚަރަދުތަކުން އަހަރަކު 15 މިލިޔަނާއި 20 މިލިޔަނާ ދެމެދުގެ އަދަދަކަށް ރުފިޔާ ސަލާމަތްވާނެކަމަށް މިނިސްޓްރީން ބުންޏެވެ.