ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް އާބަންކޯ އިން ދެމުން އަންނާތީ އެކަން ބަދަލު ކުރުމަކީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ކޮޅު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ އެއް ކަމެއްގެ ގޮތުގައި ހުޅުމާލެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލު ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ހިދުމަތްތަކުގެ ތެރޭގައި މަގުތައް ސާފު ކުރުމާއި ފަޅުތެރެ ސާފު ކުރުމާއި މަގުމަތި ދިއްލުން ފަދަ ކަންކަން ހިމެނެއެވެ. އަދި އިދާރީ ގޮތުން ދޭން ޖެހޭ ހިދުމަތްތައް ވެސް އޭރުން ދޭނީ ކައުންސިލުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މާލޭގެ ބައެއް ހުޅުމާލެއަކީ، ދެ ފިޔަވައްސަކީ ވެސް. އެހެންވީމަ އެގޮތަށް ބަދަލުވެގެން ދާނެ. ރައްޔިތުންނަށް ފަސޭހަތައް އޭގެން ވެގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން މައްސަލައެވެ. މާލެއެކޭ އެއްގޮތަށް ހުޅުމާލެ ވެސް މިހާރު ފެންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންވެ، ޕާކިން މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ވަރުގެ އިމާރާތްތަކެއް ދެ ތިން ސަރަހައްދެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކީ ވެސް ވަރަށް އިސްކަމެއް ދީގެން ފުރަތަމަ ކޮޅު ފެށޭ ކަމެއްގެ ގޮތުގައި ހަދައި، ހުޅުމާލޭގެ މަގުމައްޗަކީ ތަރުތީބު ކުރެވިފައިވާ ޕާކިން އާ ހެދި އުނދަގޫވެފައި އޮތް އޮތުން ނިމުމަކަށް އަންނަ ތަނަކަށް ހައްދާވެނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!