އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އދ. ގެ އާންމު މަޖިލިހުން ބޭއްވި ކުއްލި ބައްދަލުވުމުގައި ހާއްސަ ގަރާރެއް ރޭ ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ގައުމުތަކުން އަމަލުކުރުން ލާޒިމް ނޫން މި ގަރާރަށް އދ. ގެ 120 ގައުމަކުން ތާއީދުކޮށްފައިވެއެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދިން އިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދީ 45 ގައުމަކުން ތިއްބެވެ.
ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އިސްރާއީލް، އެމެރިކާ، އިންޑިއާ، ޖަޕާން، އޮސްޓްރިއާ، ޕެރެގުއާއީ، ހަންގޭރީ، ކްރޮއޭޝިއާ ފަދަ ގައުމުތައް ހިމެނެއެވެ. މި ގަރާރާ އެއްކޮޅަށް ވޯޓު ދިން ބޮޑެތި ގައުމުތަކުގެ ތެރޭގައި ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކިޔޭ، ގަތަރު، އިރާން، މިސްރު، ފްރާންސް ފަދަ ގައުމުތައް ހިމެނެއެވެ. މުސްލިމް ގައުމުތަކުގެ ތެރެއިން މި ގަރާރު ފާސް ކުރަން ވޯޓު ނުދެނީ އިރާގު އެކަންޏެވެ. އިރާގުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމައިފައެވެ.
އދ. ގެ އާންމު މަޖިލިހުން ފާސްކުރާ ގަރާރުތަކަކީ ގައުމުތަކުން އެ މައްޗަށް އަމަލުކުރުން ލާޒިމް ގަރާރުތަކެއް ނޫނެވެ. އިސްރާއީލުން ބުނެފައިވަނީ މިގަރާރަށް އެގައުމުން އަމަލު ނުކުރާނެ ކަމަށާއި ހަމާސްގެ ތަންތަނަށް ހަމަލާ ދިނުމުގައި އިސްރާއީލްގެ އަސްކަރިއްޔާ ދެމި އޮންނާނެ ކަމަށެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 7،326 އަށް އަރައިފައެވެ. އަދި ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު އިސްރާއީލުން 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާ ހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!