ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓީ އިން ގޮވައިލައިފިއެވެ.
އެ ޕާޓީ އިން މިހެން ގޮވައިލީ ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ަވނީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އަދި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑައިލުން ކުށްވެރިކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގައި ފަލަސްޠީނުގެ މުސްލިމުންނާއި ޤުދުސްގެ ޙިމާޔަތުގައި މާތްﷲ ގެ ކިބަފުޅަށް ދުޢާ ދެންނެވުން އިތުރުކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ޙައްޤުގައި އަޑު އުފުލުމާއި އެ ރައްޔިތުންނަށް އެހީތެރިވުމަށް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް ވެސް ގޮވައިލާފައި ވެއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި އދ އިން ގަރާރެއް ފާސްކޮށްފައިވީނަމަވެސް، އިޒްރޭލުން ވަނީ އެ ގަރާރު ބަލައިނުގަންނާނެކަން ހާމަކޮށްފައެވެ.
120 ގައުމުގެ ތާއީދާ އެކު އެ ގަރާރު ފާސްކުރަން ވޯޓު ދިން އިރު، އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ 14 ގައުމަކުންނެވެ. އަދި ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ 53 ގައުމެއް ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!