ޔޫރަޕްގައި ވިދިވިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ރޯމާއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކަކޫ މުގުރާލައިފިއެވެ.
ރޭ ޔޫރޮޕާ ލީގުގެ ގްރޫޕް ޖީގައި ރޯމާއާއި ސްލާވިއާ ޕްރާގް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ރޯމާ ކާމިޔާބު ކުރިއިރު މި މެޗުގައި ރޯމާއަށް ދެވަނަ ލަނޑު ޖަހައިދިނީ ލުކަކޫއެވެ.
ކުރިން ޔުއެފާ މުބާރާތެއްގައި ވިދިވިގެން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އޭނާ ވަނީ އެގާރަ މެޗުގައި ވިދިވިގެން ލަނޑު ޖަހާފައެވެ. އެއީ 03 ޖޫން 2017 އިން 11 އޭޕްރިލް 2018 އާއި ދެމެދު ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގައި ކުޅެދިން މެޗުތަކުގައެވެ.
ލުކަކޫ 14 މެޗުގައި ލަނޑުޖަހައި ރޮނާލްޑޯ ރެކޯޑް މުގުރާލީ ނުވަ އަހަރުން ތިން ކުލަބަކަށް ކުޅެގެންނެވެ. އޭނާ ވަނީ 2014/15 ސީޒަންގައި އެވަޓަންއަށް އަދި 2019/20 ސީޒަންގައި އިންޓަ މިލާނަށް ޔޫރޮޕާ ލީގުގައި ކުޅެދިން ކޮންމެ މެޗެއްގައި ލަނޑު ޖަހާފައެވެ. މި ސީޒަންގައި ރޯމާ މިހާތަނަށް ޔޫރޮޕާ ލީގުގައި ތިން މެޗު ކުޅުނުއިރު އެ ތިން މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.
ރޯމާއަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ބޯވްއެވެ. މި މެޗުގައި ރޯމާއިން ކާމިޔާބުކުރި ދެ ލަނޑު ޖެހުމަށް ވެސް އެސިސްޓް ކޮށްދީފައި ވަނީ އެލް ޝަރާވީއެވެ.
މި މޮޅާއިއެކު ރޯމާ އޮތީ ގްރޫޕް ޖީގެ އެއްވަނާގައެވެ. އެ ޓީމަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ސްލާވިއާ ޕްރާގްއަށް ތިން މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!