ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ބީގައި ރޭ ބްރައިޓަންއާއި އަޔެކްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ތާރީހީ މޮޅެއް ބްރައިޓަން އިން ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަން އިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިއީ ބްރައިޓަންގެ ތާރީހުގައި ވެސް ޔުއެފާގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ޔޫރޮޕާ ލީގް ގްރޫޕް ބީގައި ބްރައިޓަން ކުޅުނު ފުރަތަމަ މެޗުން އޭއީކޭ އެތެންސް އަތުން ބަލިވިއިރު، މާސޭއަތުން ވީ އެއްވަރެވެ. ނަމަވެސް ރޭ މިވަނީ ޔޫރަޕް ފުޓްބޯޅައަށް ދޮށީ ކުލަބެއްކަމަށްވާ ނެދަލެންޑްސްގެ އަޔެކްސް ބަލިކޮށް ތާރީހީ މޮޅެއް ހޯދާފައެވެ.
މި މޮޅާއިއެކު ބްރައިޓަންއަށް ވަނީ ދެވަނަ ބުރަށް ކޮލިފައި ވުމުގެ އުންމީދު ވެސް އާވެފައެވެ. މިވަގުތު މި ގްރޫޕްގެ އެއްވަނާގައި އޮތީ 3-1 ގެ ނަތީޖާއިން ރޭ އޭއީކޭ އެތެންސް ބަލިކުރި ފްރާންސްގެ މާސޭއެވެ. އެ ޓީމަށް ތިން މެޗުން 5 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އޭއީކޭ އެތެންސްއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނާގައި އޮތް ބްރައިޓަން އަށް ވެސް ތިން މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ފުލުގައި އޮތީ އަޔެކްސްއެވެ.
މި މެޗުގެ ފުރަތަމަ ފުރަތަމަ ހާފު ފަހުކޮޅު ބްރައިޓަންއަށް ކާމިޔާބު ކޮށްދިނީ ޕެޑްރޯއެވެ. މިއީ އޭނާ ޔޫރޮޕާ ލީގުގައި މިހާތަނަށް ޖެހި ހަތަރުވަނަ ލަނޑެވެ. ބްރައިޓަންގެ ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދިނީ އަންސޫ ފާޓީއެވެ.
މި މެޗަށް ފަހު ވާހަކަ ދައްކަމުން ބްރައިޓަންގެ ކޯޗް ރޮބާޓޯ ޑި ޒާބީ ބުނީ ބްރައިޓަންއަށް ޔޫރަޕުގައި ފުރަތަމަ މޮޅު ހޯދިއްޖެ ކަމަށާއި މިއީ އުފާވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ކުލަބަށާއި ކުލަބްގެ ސަޕޯޓަރުންނަށާއި ކުލަބްގެ ވެރިންނަށް ހޯދައިދެވުނު ވަރަށް ބޮޑު އުފަލެކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!