ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ ފަރާތުން ފަލަސްތީނުގެ ޣާޒާ އަށް އެހީވުމަށް ކުރިއަށްގެންދާ ރިލީފް ފަންޑްގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.
އެކަން ހާމަކޮށްފައި ވަނީ ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ.
އެމްއާރުސީގެ ބަޔާނުގައި ބުނީ އެ ޖަމިއްޔާގެ ފަރާތުން ޣާޒާ އަށް އެހީވުމަށް ކުރިއަށްގެންދާ ރިލީފް ފަންޑުގެ މުއްދަތު އިތުރުކޮށްދޭން އާންމުން އެދެމުން އަންނަކަމަށެވެ. އެހެންވެ އެ ފަންޑުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 12 އަށެވެ.
އެ ބަޔާނުގައި ބުނީ އެ ޖަމިއްޔާއަށް މި ފަންޑްގެ ދަށުން ލިބޭ ފައިސާ ޣާޒާ އެހީވުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް (ޕީއާރުސީއެސް) އަށް ފޮނުވުމުގެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހު ފަށާނެ ކަމަށެވެ.

މި އެހީ ބޭނުން ކުރާނީ މުހިންމު އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށާއި، އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި، ތެލާއި، ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށާއި، ޒަޚަމްވެފައިވާ މީހުން ފަރުވާއަށް ތަންތަނަށް އުފުލުމަށާއި، ސާފު ބޯފެނާއި، ބޯހިޔާވަހިކަމާއި، ސާފު ވެއްޓެއް ގާއިމުކޮށް ދިނުމަށާއި އަދި އަސާސީ ބޭނުންތަކަށް ބޭނުންވާ ކާނާއާއި، އަންނައުނާއި، ގޭތެރެއަށް ބޭނުންވާ ސާމާނު ހޯދައިދިނުން ފަދަކަންކަން ހިމެނޭކަމަށް އެމްއާރުސީއިން ބުނެފަވެއެވެ.
މީގެ އިތުރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތް ހިމްޔާ ވެސް ވަނީ ޣައްޒާގެ ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާ، އާންމުގެ ތެރެއިންނާ އެކި ފަރާތްތަކުގެ އެދުމުގެ މަތިން ފަންޑުގެ މުއްދަތު ނޮވެމްބަރު 12، އަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޮކްޓޯބަރު 24، ގެ ނިޔަލަށް ރެޑް ކްރެސެންޓުގެ އިމަޖެންސީ ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ފައިސާ ޖަމާކޮށްފައިވަނީ އަމިއްލަ ވަކި ވަކި ފަރުދުންކަން ހިމްޔާ ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!