ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން އިއްޔެ މި ޚިދުމަތް ފަށާފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދަށެވެ.
މިކަމަށްޓަކައި މާލޭގެ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް ފައްޓަވާދެއްވީ ސިއްހަތާބެހޭ ވަޒީރު އަޙްމަދު ނަސީމެވެ.
މި ޚިދުމަތާއި ގުޅޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މިޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގާ އަވަހަށް އެޓެންޑްވެ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއަރގެ ޚިދުމަތް ފޯރުކޮށްދީ، ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.
ޤައުމީ އެންބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާގައި ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށް މިކަމަށް ޚާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. އެ ނަންބަރަކީ އެކެއްސުމެއްސުމެއް އެވެ.
ގްރޭޓާ މާލެ ސަރަޙައްދުގައި މިޚިދުމަތް ފުރަތަމަ ފެށިނަމަވެސް، ކުރިއަށް އޮތްތަނުގައި އަތޮޅު ތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުންވެސް މިޚިދުމަތް ލިބޭނެހެން ޚިދުމަތް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ސީ އެމްބިއުލާންސާއި އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް މިނަންބަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއްކަމަށް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!