އޭސީސީން ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ، ކުރީ ސަރުކާރުން ހިންގާފައިވާ މުއާމަލާތްތަކަކާ ގުޅޭ ފައިސާކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަދު ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭސީސީން ހޯދަން އެންގީ 2018 ނޮވެމްބަރުގެ ކުރިން ހިންގާފައިވާ 4 މުއާމަލާތަކާގުޅޭ ފައިސާކަމަށެވެ. އަދި އޭސީސީން ބަލަމުންދާ މައްސަލަތަކުގެ އަދަދުކަމަށް ބަޔާންކޮށްފައިވާ ތަފާސްހިސާބަކީ، 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށާއި، ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އޭސީސީން އަންގާފައިވާ 20،504،491.54 ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިން ހިންގާފައިވާ ޖުމްލަ 4 މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާކަމަށް އެ ކުންފުނިން ބުންޏެވެ.
ސަދަން ޔޫޓިލިޓީސް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ކުންފުނީގެ ބަޖެޓުން ދޫކުރައްވާފައި ވާކަމަށް ބުނެވޭ 240،000 ރުފިޔާ އާއި 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް، އެ ފަރާތަށް ފައިސާ ދައްކާފައިވާތީވެ، ކުންފުންޏަށް ލިބުނު ގެއްލުމަށް އެއް މިލިއަން ރުފިޔާ ހިމެނޭކަމަށް ވެސް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން، 2016 ވަނަ އަހަރު އެ ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާއެކު ކުރެވުނު މުއާމަލާތުގައި އެ ކުންފުންޏަށް ލިބެންޖެހޭ 17.8 މިލިއަން ރުފިޔާ އާއުި 2017 ވަނަ އަހަރު އެ ކުންފުންޏަށް ބޭނުންވާ ބިލިން ސްފޮޓްވެއާ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުއާމަލާތުގައި ކުންފުންޏަށް 1.38 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އޭސީސީން ބުނެފައިވަނީ، ފެނަކައާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި/ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން، 92 ކަމެއް އިސްލާހުކުރުމަށް އޭސީސީން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!