ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި މެންޗެސްޓާ ޔުނައިޓެޑާއި ކޯޕެންހޭގަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ކޯޕެންހޭގަން މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

ބައެއް މެޗުތަކުގައި ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއާ އާއި ކީޕަރ އޮނާނާއަށް ފާއިތުވި ދުވަސްތަކުގައި ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައެވެ. ނަމަވެސް ރޭ މެޗު ވެގެން ގޮސްފައި ވަނީ އެކަމަށް ވަރަށް ބޮޑު ފިނިކަމެއް ގެނުވި މެޗަކަށެވެ.

Ad
rt

މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މެގުއާއެވެ. މެޗުގެ 72 ވަނަ މިނެޓުގައި އެރިކްޝަން ކޯޕަންހޭގަންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ މެގުއާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި ނަތީޖާއާއިއެކު ޔުނައިޓެޑް ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ވެސް ފަހު ވަގުތު ޔުނައިޓެޑްގެ މެކްޓޮމިނޭ އެ ޓީމްގެ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ކޯޕަންހޭގަންއަށް ޕެނަލްޓީއެއް ދީފައެވެ. ލާސަން ފޮނުވާލި މި ޕެނަލްޓީ އޮނާނާ ވަނީ މަތަކޮށްފައެވެ. މުހިންމު ވަގުތު އޮނާނާ މި ޕެނަލްޓީ މަތަކުރުމާއިއެކު ދަނޑަށް ވަދެ ތިބި ޔުނައިޓެޑްގެ ސަޕޯޓަރުންގެ އަޑުން ދަނޑު ގުގުމާލިއެވެ. ޔުނައިޓެޑްގެ ކުޅުންތެރިން ވެސް ވަނީ އޮނާނާ ގައިގައ ބައްދައި ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައ ޔުނައިޓެޑުން ތިން މެޗު ކުޅެފައިވާއިރު މިއީ އެ ޓީމް މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުން ތިން ޕޮއިންޓް ކަށަވަރު ނުކުރެވުންނަމަ ޔުނައިޓެޑަށް ގްރޫޕް ސްޓޭޖުން ސަލާމަތްވެ ދެވަނަ ބުރަށް ދިއުމަށް ބޮޑެތި ގޮނެޖެހުންތަކެއް ކުރިމަތީވީހެވެ. ނަމަވެސް މި މޮޅާއިއެކު ވަނީ އުންމީދެއް ލިބިފައެވެ.

ރޭ މި ގްރޫޕްގައި ބަޔާން މިއުނިކާއި ގަލަޓަސަރާއީ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބަޔާންއެވެ. ބަޔާންއަށް ލަނޑުތައް ޖަހައިދިނީ ކިންގްސްލީ ކޮމަން، ހެރީ ކޭންގެ އިތުރުން ޖަމާލް މުސިއާލާއެވެ. ގަލަޓަސަރާއީގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިކާޑީއެވެ.