ރަސްމީ ބަންދު ދުވަހު މަސަައްކަތްކޮށްފިނަމަ، ހާޟިރީ އެލަވަންސް ލިބޭގޮތް ހަދައިފިއެވެ.
މި ބަދަލު ގެނައީ މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ އިސްލާހުގައެވެ.
އެގޮތުން ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ހާޟިރީ އެލަވަންސް ދޭންޖެހޭ ގޮތަށް މިހާރުވަނީ ޕްރޭމްވޯކް ގައި ހިމަނާފައެވެ.
އެހެން ނަމަވެސް، އިސްލާހުގައިވާ ގޮތުގައި، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޟިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ޤާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމުލަ ވަގުތު (8 ގަޑިއިރު) ގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައި އެކަންޏެވެ.
ޕޭ ފްރޭމްވޯކްގައި މީގެ ކުރިން އޮންނަ ގޮތުންނަމަ، ހާޟިރީ އެލަވަންސް ދޭންޖެހޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޟިރުވާ ކޮންމެ ދުވަހަކަށެވެ. މި އިނާޔަތް އޮފީހަށް ހާޟިރުވެގެންނާއި ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކޮށްގެން ވެސް ލިބޭނެއެވެ.
އެކަމަކު މީގެ ކުރިން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ހާޟިރީ އެލަވަންސް ނުދެއެވެ.
ޕޭ ފްރޭމްވޯކުގައި މިހާރުވެސް އޮފީހަށް ހާޟިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޟިރުވުމާއި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވުމަށެވެ.
މި ގެނެވުނު އިސްލާހާއެކުގައި އެ އޮފީހެއްގެ ފަރާތުން ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރުގެ ތަންތަނަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޟިރީ އެލަވަންސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!