ސޮން ހެއުން މިންއާއި މެޑިސަންގެ ލަނޑުތަކުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ 2-0 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ.

މި ސީޒަންގައި ޓޮޓެންހަމުން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމް އަދި ބަލިވެފައިނުވެއެވެ. ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރިއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެއީ އާސެނަލްއާއި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޓޮޓެންހަމް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ ނުވަ މެޗުން 21 ޕޮއިންޓެވެ. ތިންވަނާގައި ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެން އޮތީ އާސެނަލްއެވެ.

ރޭ މެޗުގައި ޓޮޓެންހަމްއަށް ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ސޮން ހެއުން މިން އެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ފުލަމްގެ އޭރިއާ މަތިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީކަނަށް ފޮނުވާލައިގެންނެވެ.

ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ސޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ މެޑިސަންއެވެ. ލެސްޓާ ސިޓީ ދޫކޮށް ޓޮޓެންހަމަށް ބަދަލުވެ މެޑިސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.