ރާއްޖެ އައި ހަންގޭރީއަށް ނިސްބަތްވާ ފަތުރުވެރިންތަކެއްގެ ހޮޓެލް ބުކިން ކެންސަލްވުމުން ފުލުހުންގެ އެހީތެރިކަމާ އެކު، އެ މީހުންނަށް ރިސޯޓެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފި އެވެ.
ފަތުރުވެރިންގެ އެއާއިލާގެ ހޮޓެލް ބުކިން ކެންސަލްވީ ބުކިންހެދުމަށް އެ މީހުން ފައިސާ ދެއްކި އޭޖެންޓްގެ ފަރާތުން ހޮޓަލަށް ފައިސާ ނުދައްކައި އޮތުމުންކަމަށް އެމީހުންނާ ހަވާލާދީ ފުލުހުން ބުނެއެވެ. އެމީހުން ހޮޓެލް ބުކިން ހަދާފައިވަނީ އޭޖެންޓެއް މެދުވެރިކޮށް މިއަހަރުގެ ޖެނުއަރީ މަހުގައި ކަމަށްވެއެވެ.
ބުކިން ހެދުމަށް ދައްކަންޖެހޭ އޭޖެންޓަށް ދެއްކުމުން ބުކިންހެދުނު ކަމުގެ ޔަގީންކަން އީމެއިލް މެދުވެރިކޮށް ލިބިފައި އޮތަސް އެ ފައިސާ އޭޖެންޓްގެ ފަރާތުން ހޮޓަލަށް ނުދައްކާ އޮތްކަން އެ މީހުންނަށް އެނގުނީ ޗުއްޓީއަށް މިއަދު ރާއްޖެ އައުމުން ކަމަށް ފުލުހުން ބުންޏެވެ.
އެކަން ޓޫރިސްޓް ޕޮލިސްގެ ސަމާލު ކަމަށް ގެނައުމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު، މާލެ އަތޮޅު ރިސޯޓަކުން އެ ފަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ހޮޓަލަށް ފައިސާ ނުދައްކާ އޮތް މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ރާއްޖޭގެ ނަން ހުތުރުވާ ގޮތަށް އެފަދަ އަމަލުތައް ނުކުރަން ވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!