ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ފުލް ރިޕޯޓު ނުދޭން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.
މޭ 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން އެކުލަވައިލި ރިޕޯޓު އާންމު ކޮށްފައިވަނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް ސިއްރު ކުރުމަށްފަހުގައެވެ.
އެމަނިކުފާނަށް އަމާޒު ކޮށްގެން ދިން ބޮމުގެ ހަމަލާގެ ފުރިހަމަ އިންކުއަރީ ރިޕޯޓު ހޯދަން މަޖިލީހުގައި އާންމުންގެ މީހަކު އެދިފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ.
މި އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ހޯދަން އާންމުންގެ މީހަކު މަޖިލީހުގައި އެދިފައިވާތީ އެކަމާއި ގުޅިގެން 241 ކޮމެޓީގައި މިއަދު ވަނީ މަޝްވަރާކޮށްފައެވެ. މި ކޮމެޓީ ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ. އަދި މި ބައްދަލުވުމުގައި ނިންމާފައިވަނީ ރިޕޯޓުގައި ސިއްރުކޮށްފައިވާ މައުލޫމާތުތައް އެގޮތުގެ މަތިން ބޭއްވުމަށާއި ފުރިހަމަ ރިޕޯޓް އާންމު ނުކުރުމަށެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ކަމާއި ގުޅުން ހުރި ހުރިހައި ފަރާތްތަކާއި ބައްދަލުކޮށް 241 ކޮމެޓީން ވަނީ އިންކުއަރީއެއް ހިންގާފައެވެ. އަދި ރިޕޯޓުގައި ބައެއް ކަންކަން ސިއްރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތުތައް ހުރުމުން ކަމަށް އެ ކޮމެޓީން ކުރިން ވަނީ ވިދާޅުވެފައެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ޖުމްލަ އަށް މީހަކަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން ޢަމަލީ ގޮތުން އުޅުނު ހަތް މީހުންގެ ޝަރީއަތް ހިންގަނީ އެކުއެކީގައެވެ. ބޮން ގޮއްވާލި އަދުހަމް އަހުމަދު ކުށަށް އިއުތިރާފް ވެފައިވާތީ އޭނާ ވަނީ 23 އަހަރަށް ޖަލަށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!