އައިޖީއެމްއެޗް ކައިރީގައި ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާގެ މައްޗަށް މަރުގެ އަދަބު ދެވެން ނެތުމުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ހައި ކޯޓުން އަންގައިފި އެވެ.

މާޗް، 2015 ގައި ގްރޫޕަކުން ގޮސް ނޫރު އާދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.

Ad
rt

އެ ކުއްޖާ މަރަން ކުރި ހުކުމް ކަށަވަރު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނޫރަށް އެ ކުއްޖާ ހަމަލާދިން ތަން ފެނުނު ކަމަށް ތިން މީހަކު ހެކިބަސް ދީފައިވާއިވާ ކަމަށެވެ. އަދި ނޫރު މަރުވީ އަށް އިންޗި ހުންނަވަރުގެ ވަޅިއަކުން އޭނާއަށް ހަމަލާތަކުގެ ސަބަބުން ކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމުން ގަސްދުގައި މީހަކު މެރިކަން ޝައްކެއް ނެތި ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ގަސްދުގައި މީހަކު މަރައިފި ނަމަ އިސްލާމީ ޝަރީއަތުގެ ދަށުން ދެވޭ އަދަބަކީ ވާރިސުން ބޭނުންވާ ނަމަ މަރަށް މަރު ހިފުން ކަމަށް ވިޔަސް، މިހާރު އަމަލުކުރާ ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތްގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށްތަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ އެ ކުއްޖާގެ މައްޗަށް މަރުގެ އަދަބެއް ނުދެވޭނެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައިވަނީ މީހަކު މެރިކަން ސާބިތުވުމުން ދިރިހުރުމުގެ ހައްގެއް ގާނޫނީ ގޮތުން އޮވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ގާނޫނު ހިނގާ ތަނެއްގައި ކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރި ހުކުމަށް ތާއީދު ކުރި ނަމަވެސް އެ ކުއްޖާގެ މައްޗަށް ކަނޑައެޅޭނެ އަދަބާ މެދު އަލުން ގޮތެއް ނިންމަން ޖުވެނައިލް ކޯޓަށް ތަހުވީލުކުރާ ކަމަށެވެ.

ނޫރު މަރާލި މައްސަލާގައި އިތުރު ދެ މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރި އެވެ. އަދި އެކަމުގައި ބައިވެރިވި އެހެން ކުއްޖެއްގެ މައްޗަށް ހައި ކޯޓުން ކުރިން 10 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.