ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތް 90 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 32,721 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ އެއްގަމުތޮށި ލުމާއި، 395 މީޓަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 202 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1,933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުތެ ދަށުން ކުރާނެއެވެ.

މިއީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.