ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)އާ ގުޅޭ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ފުލުހުން އެ އިދާރާއިގެ މައި އޮފީހަށް މިއަދު ވަދެއްޖެއެވެ.
މާފަންނު ސްޓޭޑިއަމް ހުޅަނގުގައި ހުންނަ އެފްއޭމުގެ މައި އޮފީސް ''އެފްއޭއެމްހައުސް''ގައި ފުލުހުން ހަރަކާތެރިވަމުން އަންނައިރު، ފުލުހުން އެތަނަށް ވަދެފައި ވަނީ ފައިސާގެ ހިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެފްއޭއެމް އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގެއް ހިންގަން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖެ އަކީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮންނަން ޖެހޭ ކަމަށް މި މައްސަލައާއިގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފަވެއެވެ.
އެއީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާ ގޮތުން ގުޅުން ހުރި ކަމަކަށް ވާތީ، ރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގްވާމީ އިދާރާތަކުން ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ އެ ކަމަށް ރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާ ގޮތަށް ބޭނުން ކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރު ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އެ ބަޔާނުގައި ފާހަގަކުރައްވާފަވެއެވެ.
އެހެންކަމުން އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއް ގައި މަނީ ލޯންޑަރިންގާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ އެ ކަމެއް ތަހުގީގު ކޮށް އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައިވާ ކަމަށް ޕީޖީން ވިދާޅުުުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!