ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި އެންމެ ގިނަ ބައެއްގެ ލޯތަށް އަމާޒުވީ 37 އަހަރުގެ ސްޕެއިންގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއަށެވެ. ރާމޯސައަކީ ރެއާލަށް 2005 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 16 ސީޒަންގައި ކުޅެ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

Ad
rt

ރާމޯސް ރެއާލް ދޫކޮށްލީ 2021 ވަނަ އަހަރު ސީޒަން ނިމުމާއިއެކުގައެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީއަށް ކުޅުމަށް ފަހު މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ވަނީ ބޯއީހުޑް ކުލަބް ކަމަށްވާ ސެވިއްޔާއާއި ގުޅިފައެވެ.

ރޭ މެޗުގައި ރެއާލުން ފޮނުވާލި ގިނަ ހަމަލާތަކެއް ރާމޯސް ވަނީ ބްލޮކް ކޮށްފައެވެ. ޑިފެންސްގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން އޭނާ ވަނީ ސެޓްޕީސްތަކުގައި ކުރިއަށް ޖެހި ރެއާލުގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ.

ރޭ މެޗުގައި ފެށިގޮތަށް ރެއާލުން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާފައެވެ. ނަމަވެސް އެ ދެ ލަނޑުވެސް ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ވުމުން ވަނީ ކެންސަލް ކޮށްފައެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސެވިއްޔާއިންނެވެ. ސެވިއްޔާއިން ކާމިޔާބުކުރި ލަނޑަކީ 74 ވަނަ މިނެޓުގައި ރެއާލުގެ ޑިފެންޑަރ އަލާބާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ސެވިއްޔާއިން ލީޑު ނެގިތާ ހަތަރު މިނެޓްފަހުން ސެވިއްޔާ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކްރޫސް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކަރަވަހާލް ވަނީ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ރެއާލް މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 10 މެޗުން ލިބުނު 25 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި މިވަގުތު ރެއާލަށްވުރެ އެއް މެޗު މަދުން ކުޅެގެން ލިބުނު 22 ޕޮއިންޓާއިއެކު އޮތީ ޖިރޯނާއެވެ. މިރޭ ޖިރޯނާ އަމިއްލަ ދަނޑުގައި އަލްމޭރިއާއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓްގެ ގޮތުން ރެއާލާއި އަރާ ހަމަކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. ތާވަލުގެ ތިންވަނާގައި އޮތީ ބާސާއެވެ. ބާސާއަށް ނުވަ މެޗުން ވަނީ 21 ޕޮއިންޓް ލިބިފައެވެ.