3.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފިއެވެ.

އެ އިދާރާ އިން ވިދާޅުވީ މިއީ ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 3 ޝިޕްމެންޓު ކަމަށެވެ.

Ad
rt

މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 2250 ގްރާމް ހުރި ކަމަށެވެ.

ދެވަނަ ޝިޕްމެންޓަކީ މި ހިނގާ އޮކްޓޯބަރ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައިސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ. އެގޮތުން އެ ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޖުމްލަ 5 ދާގީނާގެ އެތެރޭގައި ހުރި އިލްކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެއެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3040 ގްރާމް ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތި ހިމެނޭ ތިންވަނަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ ވެސް މި ހިނގާ އޮކްޓޯބަރު މަހު ކަމަށާއި އެއީ މި މަހުގެ 7 ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި މިތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3550 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައިވާ ކަމަށެވެ.