ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޑޯޓްމަންޑް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ވަނީ 1-0 ގެ ނަތީޖާއިން ބްރެމެން ބަލިކޮށްފައެވެ.

މި މޮޅާއިއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ލިބިފައެވެ. އެއް މެޗު މަދުންކުޅެ 19 ޕޮއިންޓާއިއެކު ދެވަނާގައި އޮތީ ބަޔާން ލެވަކޫސެންއެވެ. މިރޭ ލެވަކޫސެންއާއި ވުލްސްބާގް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ލެވަކޫސެންއަށް އެބައޮތެވެ. ތިންވަނާގައި އޮތް ސްޓުޓްގާޓަށް ވެސް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފައެވެ. ސްޓުޓްގާޓް މިރޭ ރަށުން ބޭރުގައި ނުކުންނާނީ ޔޫނިއަން ބާލިންއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޑޯޓްމަންޑަށްވުރެ އެއްޕޮއިންޓް އިތުރު ކުރުމުގެ ފުރުޞަތު އެ ޓީމަށް ވެސް ވަނީ ހުޅުވިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. މިރޭ ބަޔާން ރަށުން ބޭރުގައި ނުކުންނާނީ މައިންޒްއާއި ދެކޮޅަށެވެ.

Ad
rt

ރޭ މެޗުގައި ޑޯޓްމަންޑްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ ފުލްކުރޫގް ބްރެމެންގެ އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ މަތަކުރީ ބްރެމެންގެ ކީޕަރެވެ. އޭގެ އަށްމިނެޓް ފަހުން ޑޯޓްމަންޑްގެ ފޯވާޑް ބްރަންޓްއާއި ރެއުސް ގުޅިގެން ހޯދި ފުރުޞަތުގައި ރެއުސް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑޯޓްމަންޑްގެ މާލެންއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ބްރެމެންގެ ކީޕަރެވެ. މިހާފުގައި ބްރެމެންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ނުހޯދުނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި އެމްރެ ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ބްރަންޓްއެވެ. މިއީ އޭނާ ބުންޑަސް ލީގުގައި ކުޅުނު 300 ވަނަ މެޗެވެ. ބްރެމެންއަށް މުޅި މެޗުގައި ވެސް ޑޯޓްމަންޑްގެ ގޯލަށް ފޮނުވާލެވުނީ ނުރައްކާތެރި އެންމެ ހަމަލާއެކެވެ. އެ ޓީމްގެ ޖިންމާ ފޮނުވާލި ހަމަލާ މަތަކުރީ ޑޯޓްމަންޑްގެ ކީޕަރެވެ.