ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމަށް ބަދަލުގެ ގޮތުގައި ގެ ދެ ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން އުޅޭތޯ ބެއްލެވުމަށް އޭނާ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވަނީ އެ އޮފީހުގެ ބަދަލުދޭ ކޮމިޓީ އޭނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ "ދެންމެ" ނޫހުގައި ލިޔެފައި އޮތުމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އެއީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއްކަން ގަބޫލު ކުރެވިފައި ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް މިއަދާ ހަމައަށް ރައީސް އޮފީހުން އެފަދަ ބަދަލެއް ދޭން އުޅޭކަން އަދި އެއީ ކޮން ކަމަކާ ގުޅިގެން ދޭން އުޅޭ ބަދަލެއްކަން ނުވަތަަ އެއްވެސް ކަމަކާ ގުޅޭ ގޮތުން ބަދަލެއް ދޭން ޖެހޭ ކަން އެނގިލައްވާފައި ނުވާ ކަމަށް އެ ސިޓީގައި ވެއެވެ.
އެހެންކަމުން އޭނާ ވަނީ ރައީސްގެ އޮފީހުން އެފަދަ ނިންމުމެއް ނިންމާފައިވޭތޯ ސާފުކޮށްދިނުމަށް އެދިލައްވާފައެވެ.
މީގެ އިތުރުން ރޮޒެއިނާއަށް އޮތް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފަތުރަމުންދާ ދެ ރަށާއި ބިމުގެ އިތުރުން ފަޅު ރަށުގެ މައުލޫމާތު ސާފުކޮށްދިނުމަށް އެދި އޭނާ ވަނީ ކައުންސިލުތަކަށް ވެސް ސިޓީ ހުށަހަޅުއްވާފައެވެ.
އެގޮތުން ލ. ގަމުގައި 1 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްކަމަށް ބުނާ ބުނުން އޮޅުންފިލުވުމަށް ހައްދުންމަތީ ގަމު ކައުންސިލް އިދާރާ އަށް އަދި އައްޑޫ ސިޓީގައި 2 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތްތޯ ބެލުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ވެސް ވަނީ ސިޓީ ހުށަހަޅާފައެވެ.
މީގެ އިތުރުން ނ. އަތޮޅުގައި ރޮޒައިނާއަށް ދީފައި އޮތް ކަމަށް ބުނާ 200 މިލިއަން ރުފިޔާގެ ފަޅު ރަށެއް އޮތްތޯ ބެލުމަށް ނ. އަތޮޅު ކައުންސިލް އިދާރާއަށް ވެސް ވަނީ ސިޓީ ފޮނުއްވާފައެވެ. އަދި އދ. އަތޮޅުގައި އޭނާއަށް އޮތް ކަމަށް ބުނާ 4 މިލިއަން ރުފިޔާގެ އަގުހުރި ބިމެއް ހަގީގަތުގައި ވެސް އޮތްތޯ ބެލުމަށް އދ. އަތޮޅު ކައުންސިލް އިދާރާއަށް ވެސް ވަނީ ސިޓީ ހުށަހަޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!