ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ މިހައިތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފާހަގަކޮށްލެވޭ ތަރައްގީގެ މަޝްރޫއު ނުވަތަ ރާއްޖެ ބަދަލުކޮށްލި މަޝްރޫއު ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ޒިންހުއާ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ދިރިއުޅުން ބަދަލުކޮށްލާފައިވާ ކަމަށާއި މިއީ ގްރޭޓާ މާލެ ސަރަހައްދަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު މަޝްރޫއެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެތައް ސަތޭކަ ބައެއްގެ ދިރިއުޅުން ވެސް މި މަޝްރޫއުގެ ސަބަބުން ބަދަލުކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރާއްޖެއިން ބޭރުގެ ދެވަނަ މީޑިއާ އަށް ދެއްވި ބަސްދީގަތުމުގައި މުއިއްޒު ވިދާޅުވީ ޗައިނާއާއި ރާއްޖެ އާއި ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އަބަދު ވެސް އޮންނަ ކަމަށެވެ. އަދި އެގައުމުގެ އެހީގައި ވަރަށް ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއިއެކު، ރާއްޖޭގައި ހިންގާފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ގެދޮރުވެރިކަމާއި މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކުރިއަށް އޮތްތާނގައި ޗައިނާގެ އެހީތެރިކަން ރާއްޖެއަށް އިތުރުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް، އުންމީދު ކުރައްވާކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!