ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ކޮމާންޑަރެއް މިއަދު ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ ހަމާސްގެ ޖެނެރަލް މިލިޓަރީ ކައުންސިލްގެ މެމްބަރެއްގެ އިތުރުން ސެންޓްރަލް ޣައްޒާ ބްރިގޭޑްގެ ކޮމާންޑަރު އައިމަން ނޮފަލްއެވެ. އެކަން ހަމާސް އާއި އިސްރާއީލްގެ އަސްކަރިއްޔާ އިން ވެސް ކަށަވަރުކޮށް ދިނެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ހަމާސްގެ އިސް ކޮމާންޑަރު ޝަހީދުކޮށްލީ އިންޓަލިޖެންސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނޮފަލްއަކީ އިސްރާއީލާއި އިސްރާއީލްގެ ސިފައިންނާ ދެކޮޅަށް އެކިއެކި ހަމަލާތައް ދިނުމުގައި ބައިވެރިވި ކޮމާންޑަރެއް ކަމަށް ވެސް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.
އައިމަންއަކީ މީގެކުރިން ހަތިޔާރު އުފެއްދުމުގައި ވެސް މަސައްކަތް ކުރި ކޮމާންޑަރެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އަދި އިސްރާއީލްގެ ސިފައިންތަކެއް ރަހީނުކޮށްގެން ގެންގުޅުމުގައި ވެސް އައިމަންގެ ބައިވެރިވުން އޮތް ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެއެވެ. އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި އައިމަންއަކީ ހަމާސްގެ ލީޑަރުންނާ ވަރަށް ގާތް ގުޅުމެއް ވެސް އޮންނަ ކޮމާންޑަރެކެވެ.
ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި އަދަދުތަކަށް ބަލާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 3،000 އަށް އަރައިފައެވެ. މި ހަމަލާތަކުގައި 12،500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!