ދުނިޔޭގެ އެންމެ ބޮޑު މަނީ މެގަޒިން "ފޯބްސް" އިން އެންމެ ފަހުން އާންމުކުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

މި ލިސްޓްގެ އެއްވަނާގައި މީގެ ކުރިން އޮތީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ. ނަމަވެސް ފާއިތުވި ބާރަ މަހުގެ ހިސާބުތައް ބުނާގޮތުން މި ލިސްޓްގެ އެނެމް ކުރި މިހާރު ލިބެނީ ރޮނާލްޑޯއަށެވެ.

Ad
rt

މިހާރު ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯއަށް ފާއިތުވި ބާރަ މަސްދުވަހުގެ ތެރޭ 260 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެމެރިކާގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ ލައިނަލް މެސީއަށް ފާއިތުވި ބާރަ މަސްދުވަހުގެ ތެރޭ ލިބިފައި ވަނީ 135 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

މި ލިސްޓްގެ ތިންވަނާގައި އޮތީ ސައުދީ ލީގުގެ އަލް ހިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއެވެ. އޭނާއަށް ފާއިތުވި ބާރަ މަސްދުވަހުގެ ތެރޭ 112 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މި ލިސްޓްގެ ހަތަރު ވަނާގައި އޮތީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެމްބާޕޭއެވެ. އޭނާއަށް ފާއިތުވި ބާރަ މަސް ދުވަހުގެ ތެރޭ ވަނީ 110 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ސައުދީ ލީގުން ޔޫރަޕްގައި ކުޅެމުން އަންނަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ބޮޑު އަގުގައި އެ ލީގަށް ގެންދިޔުމާއިއެކު މި ލިސްޓްގެ ގަދަ ދިހައެއްގައި މިހާރު ސައުދީ ލީގުގައި ކުޅޭ ހަތަރު ކުޅުންތެރިން ވަނީ ހިމެނިފައެވެ.

ގަދަ ދިހައެއްގައި ހިމެނޭ އިތުރު ކުޅުންތެރިންނަކީ ރެއާލް މެޑްރިޑް ދޫކޮށް ސައުދީގެ އަލް އިއްތިހާދަށް ބަދަލުވި ކަރިމް ބެންޒެމާއާއި ބަޔާން މިއުނިކް ދޫކޮށް އަލް ނަސްރަށް ބަދަލުވި ސަޑިއޯ މާނޭއެވެ.