ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް 98 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމާއި، އެއްގަމު ތޮށި ލުމާއި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 81 މީޓަރުގެ ސަރަހައްދެއްގައި ޗެނަލްގެ ބޭރުތޮށި ލުމާއި، 49 މީޓަރުގެ ބޭރުތޮށި ލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 898 މީޓަރުގެ އެއްގަމުތޮށި ލުމުގެ
މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، 9,270 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.