ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ އެންމެބޮޑަށް ފެންބޮޑުވާ ހިސާބުތަކާއި ސަރަހްއްދުތައް އެންމެރަނގަޅަށް އެނގޭނީ އެ ރަށެއްގެ ރައްޔިތުންނަށާއި ކައުންސިލަށް ކަމަށާއި އެހެންވެ، ދުރައިލާ ތައްޔާރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވެސް އެމީހެއްގެ ގެއާއި ފެންބޮޑުވާ ސަރަހައްދުތައް ދެނެގަނެ، އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

Ad
rt

މީގެ އިތުރުން ފެންބޮޑުވެދާނެކަމަށް ބަލައި، ހާއްސަކޮށް މިދުވަސްވަރު ފެން ޖެހިއްޖެ ނަމަ ހަލާކުވާ ޒާތުގެ ތަކެތި ފެން ނުޖެހޭ ހިސާބުތަކަށް ބަދަލުކުރުމަސް ވަނީ އެދިލައްވާފައެވެ.

އެންޑީއެމްއޭ އިން މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، ފާއިތުވެދިޔަ ދެތިން ދުވަހު އުތުރުގެ ސަރަހައްދަށް ކުރި ވިއްސާރައިގާ ބޯކޮށް ވާރޭ ވެހި، ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ.

އެގޮތުން، ހއ. މުރައިދޫ، ކެލާ، ދިއްދޫ، ހޯރަފުށި، ތަކަންދޫ، އުތީމު އަދި ފިނޭއަށް ފެންބޮޑުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މިއަދު ވެސް އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކުރައްވާފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ ހަނިމާދުއަށް 72.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިދިޔަ ހުކުރު ދުވަހު ށ. ފުނަދޫއަށް ވަނީ 54.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.