މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކަށް ނިސްބަތްވާ ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ވިއްކަން ބޭނުންކުރާ ގެތައް ރެއިޑުކުރުމަށް ފުލުހުން ފަށައިގެން އުޅޭ އޮޕަރޭޝަންގެ ތެރެއިން ރައްޔިތުން މުޅިން އާސޯޚްކޮށްލާފަދަ ޚަބަރުތައް ފެންމަތި ވެއްޖެއެވެ.

ކެފޭ އުސޫލުން މަސްތުވުމުގެ ޚިދުމަތްދޭކަމަށް ބެލެވޭ ގެތަކެއް ރެއިޑް ކުރުން

Ad
rt

ރޭ ފުލުން ހިންގި އޮޕަރޭޝަންގައި ކެފޭ އުސޫލުން މަސްތުވުމުގެ ޚިދުމަތްދޭކަމަށް ބެލެވޭ ގެތަކެއް ރެއިޑް ކުރާކަން ހާމަކުރުމުން ރައްޔިތުންނަށް ލިބިގެން ދިޔައީ ސިހުމާއި، ޚައިރާން ކަމެވެ.

އެ އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރިއަށް ގެންދާ ޑްރަގް ރެއިޑް އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއްގެ ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް، ވިއްކައި، ވިޔަފާރިކޮށް އެ ގެތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ (ކެފޭ އުސޫލުން) ހިދުމަތް ލިބޭގޮތަށް ތައްޔާރު ކުރެވިފައިވާ ގެތަކަށް އަމާޒު ކުރެވިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިއީ ގެތަކުގެ ވެރި ފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން ރުހުމާއެކު މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ.

"މި އޮޕަރޭޝަންތަކަކީ އެތަނުގެ ވެރިފަރާޔް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދު ކުރުމަށް ނުވަތަ ޖިނާއީ ތަހްގީގު ހިންގައި އެ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށްޓަކައި ހިންގާ އޮޕަރޭޝަންތަކެއްކަން ފާހަގަ ކުރަން" ފުލުހުންގެ ބަޔާނުގައު ވިދާޅުވެފައި ވެއެވެ.

އެ ގެތަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި، އެ ބޭނުން ކުރުމަށް ބޭނުންކުރާ އާލަތްތައްވެސް ވަނީ ފެނިފައެވެ.

ފުލުހުން ލޮނުމިދިލިގެ ނޫސްވެރިންނަށް ދައްކާލި

ފުލުހުން ރޭ ވަނީ ލޮނުމިދިލިގެ ބަލާ ފާސްކުރުމަށްފަހު، އެ ގެ ނޫސްވެރިންނަށް ދައްކާލާފައެވެ. އެތަން ހަދާފައިވަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއި އެކުގައެވެ. އެތަނަށް ވަންނަން ހުރި ދޮރުގައި ހުރީ ދަގަނޑު ގޭޓޭއްލައި، ސަލާމަތީ ފިޔަވަޅު ވަރުގަދަ ތަޅެއް ހަރުކޮށްފައެވެ. ދޮރުހުޅުވެނީ ކޯޑެއް ޖަހައިގެންނެވެ.

ޑެގެއް އެޅުމަށްފަހު ހުރީ ކުޑަސިޑިއަކުން މައްޗަށް އަރާ ގޮތައް ހަދާފައި ވެއެވެ. "މަސްތުވާތަކެތި ބޭނުންކުރާ ކެފޭ" ހުރީ މިބައިގައެވެ.

މިބައިގައި ކުދި ދެ ކޮޓަރި ހުރި އިރު، އެތަނުގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ހުއްޓެވެ. ދެ ކޮޓަރީގައިވެސް މޭޒަކާއެކު ވަށައިގެން ގޮޑި ޖަހާފައި ހުއްޓެވެ.

އެ ކޮޓަރިތަކުގައި ކުރާހާ އެކި ޒާތް ޒާތުގެ މެސެޖުތައްވެސް ލިޔެފައިވެއެވެ. އެގޮތުން އެ ކޮޓަރީގައި މަސްތުވާތަކެތި ބޭނުން ކުރަން އަންނަ މީހުން އަމަލުކުރަން ޖެހޭ އުސޫލުތައްވެސް ލިޔެފައިވެއެވެ.

އެކެފޭ ބޭނުން ކުރާމީހުންނަށް އިރުޝާދުދީ ލިޔެފައިވާ އުސޫލުތަކުގެ ގޮތުގައި، ނިމުނުހާ އަވަހަކަށް ނުކުތުމަށާއި، މީހުން ކައިރީ ލާރިއަށް ނުކިޔުމަށް އަންގާ ލިޔެފައިވެއެވެ. ރައްކާވެ ތިއްބިއްޔާ ދަތުރެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ހަޑި ހުތުރު ބަހުން އެކި ޒާތް ޒާތުގެ ކުރެހުންތަކާއި ބަސްތަވެސް ލިޔެފައިވެއެވެ.

ލޮނުމިދިލިގޭ މެދު ބައިގައި ހުރީ، އޭސީކޮށް ބަންކް ދެ އެނދު ބަހައްޓައި ނިދާ ގޮތަށް ހަދާފައެވެ. އަދި މެދުގައި ސޯފާތަކާއި، ޓީވީ ބެލޭނެ ގޮތް ވަނީ ހަދާފައެވެ.

މިހާތަނަށް 5 ގެއެއް ބަލައި ފާސްކޮށްފި

މިރެއިޑްގައި މިހާތަނަށް ވަނީ ފަސް ގެއެއް ބަލައި ފާސްކޮށްފައެވެ. އެ ގޭތަކަކީ، މ. ފެޝަންމީޑް، މ. ނަދީ އިރުމަތީބައި، ހ. ވެލިރަންގެ، ގ. މެމޮރީވިލާ އަދި މ. ލޮނުމިދިލިގެއެވެ.

ލޮނުމިދިލިގެއިން ބަޔަކު ހައްޔަރުކޮށް ޑްރަގާއި، ފައިސާ ހޯދުން

ފުލުހުން މ. ލޮނުމިދިލި ގެއިން ޑުރަގާއި ފައިސާ ތަކަކާއެކު އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގެއިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ ދެ ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.

ހަތަރު ފިރިހެން ކުދިން ހައްޔަރު ކޮށްފައިވަނީ ލޮނުމިދިލިގޭ މެދު ބައިގައި އޭސީކޮށް ބަންކް ދެ އެނދު ބަހައްޓައި ނިދާ ގޮތަށް ހަދައި، މެދުގައި ސޯފާތަކާއި، ޓީވީ ބެލޭނެ ގޮތް ހަދާފައިވާ ބައިންނެވެ.

ފުލުހުން އެގެއިން ހޯދި ފައިސާގެ ތެރޭގައި، 38715 ދިވެހި ރުފިޔާއާއި، 142 އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މަދު އަދަދުތަކުގެ ޗައިނީސް ރުޕީސް، ތައި ބާތު، ސައުދީ ރިޔާލު، ކުވޭތު ދީނާރު، ސިންގަޕޫރު ޑޮލަރު ހިމެނެއެވެ.

ބަލާފާސްކުރި ގެތަކުން 33 ފަރާތެއް ހައްޔަރު ކޮށްފި

5 ޑިސެމްބަރ 2019 ވަނަ ދުވަހު މ. ފެޝަންމީޑުން 11 މީހަކާއި، 12 ޑިސެމްބަރ 2019 ވަނަ ދުވަހު މ. ނަދީމީއިރުމަތީބައިން 4 މީހަކާއި، 16 ޑިސެމްބަރ 2019 ވަނަ ދުވަހު ހ. ވެލި ރަންގެއިން 10 މީހަކާއި، 18 ޑިސެމްބަރ 2019 ވަނަ ދުވަހު ގ. މެމޮރީވިލާއިން ހައްޔަރު ކުރި 4 މީހުންނާއެކު މިއޮޕަރޭޝަންގައި މިހާތަނަށް ފުލުހުން 29 މީހަކާއި، މ. ލޮނުމިދިލިގެއިން ރޭ ހައްޔަރުކުރި 18 އަހަރު ނުފުރޭ 4 ކުދިންނާއެކު ޖުމްލަ 33 ފަރާތެއްވަނީ ހައްޔަރު ކޮށްފައެވެ.