އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށް ފްރާންސް ކޮލިފައިވެއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ފްރާންސުން ވަނީ 2-1 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. ކޮލިފައިންގައި ފްރާންސުން ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެފައެވެ. މި ގްރޫޕް އެއްވަނާގައި ފްރާންސް އޮތީ ހަ މެޗުން ލިބުނު 18 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ގްރީސްއަށް ލިބިފައި ވަނީ 6 މެޗުން 12 ޕޮއިންޓެވެ. ނެދަލެންޑްސް ތިންވަނާގައި އޮތީ 5 މެޗުން ލިބުނު 9 ޕޮއިންޓާއި އެކުގައެވެ.

Ad
rt

ރޭ މެޗުގެ ވަރަށް ކުރީކޮޅު ފްރާންސުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތްވަނަ މިނެޓުގައި ޖޮނަތަން ކްލައުސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. ފްރާންސްގެ ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި ރެބިއުޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖެހީ ވެސް އެމްބާޕޭއެވެ. މިއީ އޭނާ މި ސީޒަންގައި މިހާތަނަށް ކުޅުނު 10 މެޗުގައި ޖެހި 10 ވަނަ ލަނޑެވެ.

މެޗުގައި ނެދަލެންޑްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ހާޓްމަންއެވެ.