ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު އެ މަގާމުން ރިޓެޔާ ކުރައްވަން ނިންމަވައިފިއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ހަމީދު އެކަން ހާމަކުރައްވާފައިވަނީ ފުލުހުންގެ އިސްވެރިންތަކެއް ހިމެނޭ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި އޭނާ އަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައި، ޕްރޮފެޝަނަލް މިންގަނޑުން ޢަމަލުކުރައްވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އެހެންނަމަވެސް ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، މުއައްސަސާގެ ނަން އޮތީ ކިލަނބުވެފައިކަން ހާމަކުރައްވާ، އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށް އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއްފަރާތްކޮށްގެން ކަމަށްއެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާއެކު ފުލުހުން ކުރަންޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެހެންކަމުން އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހިއްސާކުރައްވާނެ ކަމުގައި ވިދާޅުވި ކަމަށް ވެސް ޚަބަރުތަކުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެން މުއައްސަސާގެ ތަރައްގީއަށް ކުރެއްވި ކަންކަމުގައި ފާހަގަކުރައްވާ އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހައި ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކުރައްވާފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އޮގަސްޓް 2012 ގައި ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކޮށްފައިވަނީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލާގައި ސީޕީ ހަމީދު ކޯޓަށް ވަޑައިގެން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބު ކުރެއްވިއެވެ. އެކަމަކު ހައިކޯޓުންހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
ހަމީދު ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ޑިސެމްބަރު 2، 2018 ގައި ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އޭނަ އަށް އަލުން ވަޒީދާ ދެއްވީ 4 ޑިސެމްބަރު 2018 ގައެވެ. އޭރު ވެސް އޭނާ އައްޔަންކުރެއްވީ ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ މަގާމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ވަގުތީގޮތުން ސީޕީ ހަމީދުއާ ހަވާލުކުރެއްވީ ޑިސެމްބަރު 12، 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ މާޗް 26، 2019 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!