ޕެރެގުއާއީގެ އެންމެ ބޮޑު ޖަލު ކަމުގައިވާ ވެރިރަށް އަސުންސިއޯންގައި ހުންނަ ޓާކަމްބޫ ޖަލުގައި ގާޑުންތަކެއް ރަހީނުކޮށްގެން އަންގާރަ ދުވަހު ހިންގަން ފެށި ހަމަނުޖެހުންތަކުގެ ތެރެއިން ރަހީނުކުރި ޖަލު ބަލަހައްޓާ އޮފިޝަލުންތައް މިނިވަންކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޓާކަމްބޫ ޖަލުގައި އަލިފާން ރޯކޮށް ގާޑުންނަށް ހަމަލާދީ ހަމަނުޖެހުންތައް ހިންގަމުން ދަނީ ރޮޓެލް ކުލޭން ކިޔާ ގޭންގެއްގެ މެމްބަރުންތަކެކެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން މި ކުލޭނުގެ މެމްބަރުން ރަހީނުކުރި، ޖަލު ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ 22 ގާޑުން 15 ގަޑިއިރަށް ވުރެ ގިނައިރު ރަހީނުކޮށްފައި ބޭތިއްބުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

Ad
rt

މި ހަމަނުޖެހުން ހިންގާފައި މިވަނީ ޖަލުގެ ކޮންޓްރޯލް ރޮޓެލާ ކްލޭންގެ އަތުން އަތުލަން ބޭނުންވާކަން އެގައުމުގެ ޖަސްޓިސް މިނިސްޓަރު އިއުލާން ކުރެއްވިތާ ދުވަސްތަކެއް ފަހުންނެވެ. ޖަލުގައި ހަމަނުޖެހުންތައް ހިންގަން ފެށީ ޖަލުގެ ކޮންޓުރޯލް ރޮޓެލާ ކުލޭންގެ އަތުން އަތުލުމަށް ކުރެވެމުންދިޔަ މަސައްކަތްތަކުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުންކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ހަމައެހެންމެ އަންގާރަ ދުވަހު ޖަލުގައި ފެށިގެންދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ރަހީނުކުރި ގާޑުން މިނިވަންކުރުމަށް މި ކުލޭނުގެ މެމްބަރުން ކުރި އެންމެ ބޮޑު ޑިމާންޑަކީ ޖަސްޓިސް މިނިސްޓަރު އެންޖެލް ބާޗިނީ އިސްތިއުފާ ދެއްވުމެވެ.

ގާޑުން މިނިވަންކުރުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވީ ކޮންކޮން ކަންތައްތަކަކަށް ކަމެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަމަށް މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަންގާރަ ދުވަހު ހިންގަން ފެށި މި ހަމަނުޖެހުންތަކުގައި ގައިދީން ރަހީނުކުރި ގާޑުންގެ ތެރޭގައި ޖަލުގެ ޑިރެކްޓަރ ލޫއިސް އެސްކިވެލް ވެސް ހިމެނެއެވެ. ގައިދީން އެމީހުންގެ ޑިމާންޑްތައް ހިއްސާކުރީ ޖަލުގެ ޑިރެކްޓަރު ލޫއިސް އެސްކިވެލް މެދުވެރިކޮށް ކަމަށާއި އޭނާ އަށް ލޯކަލް ރޭޑިއޯ ސްޓޭޝަންތަކާ ލައިވްކޮށް ވާހަކަ ދެއްކުމުގެ ހުއްދަ ގައިދީން ދީފައި ވެއެވެ.

ހަމަނުޖެހުންތައް ހުއްޓާލުމަށް ގައިދީން އިތުރަށް ކުރި ޑިމާންޑުތަކުގެ ތެރޭގައި ޖަލުގައި ގައިދީންނާ ދެކޮޅަށް ފުލުހުން ހަމަނުޖެހުންތައް ނުހިންގުމާއި ހަމަނުޖެހުންތަކުގައި ބައިވެރިވި ގައިދީންނާމެދު އިތުރު ދައުވާތަކެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ސޮއިކޮށްފައިވާ ލިޔުމެއް ދިނުމުގެ އިތުރުން މިހާރު އިންތިހާއަށް ގައިދީންނާއެކު ތޮއްޖެހިފައިވާ ޓާކަމްބޫ ޖަލު އަލުން މަރާމާތުކޮށް އެކަށީގެންވާ ކެޕޭސިޓީއަށް ގައިދީންނާއެކު ޖަލު އަލުން ހުޅުވުންކަމަށް ވެސް ހިމެނެއެވެ.

ގައިދީން ރަހީނުކޮށްފައިވާ ގާޑުންތައް ދޫކޮށްލާފައި މިވަނީ އެގައުމުގެ ސަލާމަތީ ބާރުތަކުން ގޭންގުތަކުން ބްލެކްމެއިލް ކުރުމަށާއި އަދި މިނޫންވެސް އެމީހުންގެ ޑިމާންޑުތަކަށް ޖަލުތަކުގައި ހަމަނުޖެހުން ހިންގުމުގެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި ޖަލުގެ ކޮންޓްރޯލް އަލުން ހޯދާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.