އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއާއި ގުޅޭގޮތުން އިންތިގާލީ މަރުޙަލާގައި މައުލޫމާތު އެއްކުރައްވަމުންދާ ކަމަށާއި ބްރިޖް މަޝްރޫއު ނުނިމި ލަސްވަމުންދާ ސަބަބު ބައްލަވައި އެމަޝްރޫއުގެ މަސައްކަތް އަވަސްކުރެއްވުމަކީ އަމާޒެއް ކަމަށެވެ. އަދި އެންމެ އެދެވޭ ސްޕީޑުގައި އެ މަޝްރޫއު ނުހިނގާ ސަބަބު ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

އެގޮތުން އެ މަޝްރޫއު ނުހިނގުމުގައި އޮތީ އެގްރިމަންޓުގެ މައްސަލައެއްތޯ ނުވަތަ ކޮންސަލްޓަންޓުގެ މައްސަލައެއްތޯ ނުވަތަ ފައިސާއާއި ގުޅުންހުރި މައްސަލައެއްތޯ ބައްލަވާ އެކަމަށް ހައްލު ގެންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ބްރިޖު މަޝްރޫއަށް އިތުރު ބައިތަށް ހިމަނަންޖެހޭ ކަމަށާއި، އެގޮތުން މިހާރު އެ މަޝްރޫއު އޮތީ ގިރާވަރު ފަޅާހަމައަށް ގުޅުވާލާގޮތަށް ނޫން ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް ގިރާވަރުފަޅު ހިއްކައި ގޯތި ދޫކުރާއިރު، ބްރިޖު އެ ސަރަހައްދަށް ގުޅުވާލުންފަދަ ބައެއް ބަދަލުތައް ގެންނަންޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ އެ މަޝްރޫއު ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިންޑިއާ ސަރުކާރާއި ވާހަކަދައްކައި ހައްލު ހޯއްދެވެނޭ ކަމަށެވެ.

ގްރޭޓަރ މާލޭ ސަރަހައްދަށް އިގުތިސާދީގޮތުންނާއި އުމްރާނީގޮތުން ވެސް ބޮޑު ބަދަލެއް ގެނުވާނެ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތްކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 7 ބިލިއަން ރުފިޔާއެވެ.