ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި އަހްމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާނެ ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ.
އަހަނދުގެ މައްޗަށް އެ ދައުވާ ކުރީ 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަށްޓަކައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި ނޫސްވެރިޔާ ރިލްވާނަކީ އެކަމުގައި އިސްކޮށް އުޅުނު މީހެއް ކަމަށް ނިންމައި، އެހެން ބަޔަކާ ގުޅިގެން ރިލްވާނާއި ޔާމީން މަރާލުމުގެ ކަންކަން ރޭވުމުގެ ބައިވެރިވި ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރި އެވެ.
ނަމަވެސް، އޭނާއަށް ކުރި މި ތުހުމަތުތައް ސާބިތު ކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތް ކަމަށް ކަނޑައަޅައި ކޯޓުން ނިންމީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ކޯޓުގެ ނިންމުމުގައިވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުން ހޯދައި އެ މީހުންނަށް އަނިޔާކުރުމުގައި އަހަނދު ބައިވެރިވި ކަމަށް ބެލެވޭ ހެކި ހުއްޓަސް, މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް އަހަނދު ރޭވުމުގެ ގޮތުން ކުރި ކަމެއްގެ ހެއްކެއް ނެތް ކަމަށެވެ.
އެ މައްސަލާގައި އަހްމަދު އިސްމާއިލް ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް ޝަރީއަތް ނުނިމެނިސް އޭނާ ކޯޓުން ދޫކޮށްލީ ފައިގައި ޓެގު އަޅުވައިފަ އެވެ.
ދައުލަތުން ބުނާ ގޮތުގައި، އަހަނދަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާ އަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. ޔާމީނާއި ރިލްވާނަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އެހީތެރިވެދީފައިވާ ކަމަށް ބުނެ އެވެ.
ރިލްވާނާއި ޔާމީން އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އެކަމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު ދެ މީހަކު ވެސް ކުރިން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ. އެއީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!