މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރިމަތި ލައްވަން ނިންމަވައި އޭނާ އެކަން އިއުލާން ކުރައްވައިފި އެވެ.
ފޭސްބުކް އާއި ޓްވީޓާ މެދުވެރިކޮށް މާލޭ ސިޓީގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލައްވާކަން ހާމަކުރައްވަމުން ހުސެން ވިދާޅުވެފައި ވަނީ އެކަމަށް އެންމެ ބޭފުޅުންގެ ތާއީދާއި ލޯބި ބޭނުންވާ ކަމަށެވެ.
''މާލޭގެ މޭޔަރު ކަމަށް އަޅުގަނޑު ވާދަކުރާނަން، ތިޔަ އެންމެ ބޭފުޅުންގެ ތާއީދާއި ލޯބި އަދި ދުއާ ވަރަށް ބޭނުން، ގިނަ ބަޔަކު މި ސުވާލަށް ޖަވާބު ބޭނުންވާތީ ދަންނަވާލީ،'' ހުސެން ލިޔުއްވާފައިވެއެވެ.
މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސް ވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާތީއެވެ. މޭޔަރު ކަމުގެ މަގާމު ހުސްވާނީ މުޢިއްޒު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުއްވާ ކުރައްވާ ހިސާބުންނެވެ.
ބެލެވޭގޮތުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ހުސެން ވާދަކުރައްވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައެވެ. ނޫނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ހުސެން ވާދަ ކުރައްވަން ނިންމެވި އިރު މިހާރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވެސް ވަނީ މާލޭގެ މޭޔަރުކަމަށް ޝައުގުވެރިވެ އެކަން އިއުލާންކޮށްފަ އެވެ.
މީގެ ތެރެއިން މަހްލޫފް ވާދަ ކުރައްވާނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޓިކެޓްގައެވެ. ސައިފް ވާދަ ކުރައްވާނީ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
ހުސެން ވަހީދަކީ ކުރީގެ ސީޕީގެ ކަމުގެ އިތުރުން ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ، ރައީސް ޔާމީނާއި، ޕްރޮގްރެސިވް ކޯލިޝަން ޕްރޮމޯޓް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީޑިއާ، ޗެނަލް13 ޓީވީ ޗެނަލްގެ ސީއީއޯ މަގާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!