ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލުމަށް ހާއްސަ މަނަވަރު، ޔޫއެސްއެސް ގެރަލްޑް މެދުއިރުމައްޗަށް ފޮނުވުމަށް ނިންމި ނިންމުމަކީ އެކަމުގެ ސަބަބުން މެދުއިރުމަތީގައި އިތުރު ލޭއޮހޮރުވުންތަކެއް ހިނގާފާނެ ކަމެއް ކަމަށް ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އޮސްޓްރިއާގެ ޗާންސެލަރު ކާލް ނެހަމަރ އާއެކު އަންގާރަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ އެމެރިކާއިން މެދުއިރުމައްޗަށް މަތިންދާބޯޓު އުފުލާ ބޯޓެއް ފޮނުވުމަށް ނިންމާފައިވާކަން ފާހަކޮށް އެކަމަށް ފާޑުވިދާޅުވެ، އެ ބޯޓު ފޮނުވުމުގެ ސަބަބުން އިތުރު ގަތުލުއާންމުތައް ހިނގުމަށް މަގުފަހިވެދާނެ ކަމަށް ވިދާޅުވެފައެވެ.

Ad
rt

މީގެއިތުރުން އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ކަރަންޓާއި ފެން ކަނޑާލާއި ކުރިމަތި ކުރުވަމުންދާ ފިއްތުންތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް ސިފަކޮށް، ތުރުކިޔޭގެ ރައީސް ވަނީ ފާޑު ވިދާޅުވެފައެވެ.

އެމެރިކާއިން މި މަނަވަރު މެދުއިރުމައްޗަށް ފޮނުވުމަށް ނިންމީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމުގެ ހައްގުގައި މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، އިސްރާއީލަށް ބޭނުންވާ ހަނގުރާމައިގެ އާލާތްތަކާއި ސާމާނުތައް ވައިގެމަގުން އިސްރާއީލަށް ފޮނުވުމަށެވެ.

މީގެއިތުރުން މި މަނަވަރު މެދުއިރުމައްޗަށް ދާއިރު، ހަނގުރާމަ މަތީ ލަޝްކަރަކާއެކު ގައިޑެޑް މިސައިލުން ހަމަލާ ދިނުމަށް ޙާއްސަ މަނަވަރުތަކާއި ކަނޑުމަތީގެ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާ ދެވޭފަދަ ހާއްސަ އިތުރު މަނަވަރުތައްވެސް ދާނެކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް އަބަދުވެސް ދިފާއުކުރަމުންދާ އެމެރިކާއިން، އިސްރާއީލުގެ ދިފާއުގައި މަތިންދާބޯޓު އުފުލާ މަނަވާރާއި އިތުރު މަނަވަރުތައް ހިމެނޭނެހެން ހަނގުރާމަމަތީ ލަޝްކަރެއް މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާފައިވާ މިވަނީ، މިހަނގުރާމާގައި އެމެރިކާގެ ރައްޔިތުންތަކެއް ވެސް ވީނުވީއެއް ނޭނގި ގެއްލި އަދި ބައެއް ރައްޔިތުން މަރުވެފައިވާކަމަށް އަޑުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ހަނގުރާމައިގެ ސަބަބުން ވީނުވީއެއް ނޭނގި ގެއްލި އަދި މަރުވެފައިވަނީ ސީދާ ކިތައް މީހުންކަމެއް ކަނޑައެޅިގެން ބުނަން ނޭނގޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބުލިންކެން ވަނީ ހާމަކުރައްވާފައެވެ.

މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، މެދުރިރުމަތީގައި އެމެރިކާގެ އަތްގަދަކުރުމުގެ މަސައްކަތް އެމެރިކާއިން ފަށާފައި މިވަނީ ހަމާސްއާއި އިސްރާއީލުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމާގައި އީރާނު ބައިވެރިވާކަމަށް ތުހުމަތުކޮށް އީރާނަށް ހަމަލާތަކެއް ދިނުމުގެ މަކަރުވެރި ރޭވުމެއްގެ ގޮތުންނެވެ.