އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށާއި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ބެލްޖިއަމްގެ ވިންގަރ އެޑެން ހަޒާޑް، އުމުރުން އެންމެ 32 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ހަޒާޑްގެ ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ ފްރާންސްގެ ލިލް އިންނެވެ. އެ ކުލަބާއިއެކު އޭނާ ވަނީ ފްރާންސް ލީގު ދެފަހަރު ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް ކުޅުނު 149 މެޗުގައި 50 ލަނޑު ޖެހިއެވެ. އެ ޓީމްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޗެލްސީން ވަނީ 2012 ވަނަ އަހަރު އޭނާގެ ސޮއި ހޯދާފައެވެ.

Ad
rt

ޗެލްސީގައި ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމަށް ކުޅުނު 352 މެޗުގައި އޭނާ ވަނީ 110 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގު ޗެމްޕިއަންކަން ދެފަހަރު އެ ޓީމާއިއެކު ހޯދިއިރު، 2014/15 ސީޒަންގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާ މަގާމު ވެސް އޭނާ ވަނީ ހޯދާފައެވެ.

ޗެލްސީގައި ދެއްކި މޮޅު ކުޅުމާއިއެކު 2019 ވަނަ އަހަރު ރެއާލް މެޑްރިޑުން ހަޒާޑްގެ ސޮއި ހޯދިއެވެ. ހަޒާޑް ރެއާލުގައި ހޭދަކުރި މުއްދަތުގައި އެ ޓީމާއިއެކު ވަނީ ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕާއި ޔޫރަޕިއަން ސުޕަ ކަޕް އަދި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ރެއާލާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދިނަމަވެސް އެ ކާމިޔާބީގައި ހަޒާޑްގެ ހިއްސާ ކުޑައެވެ. ތަކުރާރުކޮށް ދިމާވި ތަފާތު އަނިޔާތަކުގެ ސަބަބުން އޭނާއަށް ވަނީ ރެއާލުގައި އެދެވޭ ކުޅުމެއް ނުދެއްކި ފުރުޞަތު ގެއްލިފައެވެ. މި އަހަރު ޖޫން މަހު ރެއާލުން ހަޒާޑްގެ ކޮންޓްރެކްޓް އުވާލުމާއި ހިސާބަށް އޭނާ ރެއާލަށް ކުޅުނީ އެންމެ 76 މެޗެވެ. ޖެހުނީ އެންމެ ހަތް ލަނޑެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއިއެކު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ހަޒާޑް ވަނީ ގައުމީ ޓީމަށް 126 މެޗު ކުޅެ 33 ލަނޑު ޖަހާފައެވެ.