އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވާލައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ އެ ޖަމްއިއްޔާ އާއި ގުޅޭ މައްސަލަތައް ނިންމުމަށް ދިން 45 ދުވަސް ތެރޭ އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީ އަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.
ނޫސްބަޔާން: މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އުވާލުމާއި ގުޅޭ pic.twitter.com/dQtroK463L
— Ministry of Youth,Sports and Community Empowerment (@MoYSCEmv) December 19, 2019
އެ ޖަމިއްޔާ އުވާލިކަން އިއުލާނުކޮށް މިއަދު ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޖަމިއްޔާ އުވާލުމަށް ރެޖިސްޓަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން ޖަމިއްޔާތަކާއި ބެހޭ ގަވާއިދުގައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށްޓަކައި ނޮވެމްބަރު 5 ކުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައުވާ 45 ދުވަހުގެ މުއްދަތު ހިމަވިއިރުވެސް އެ ޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
"މިއަދުން ފެށިގެން އެ ޖަމިއްޔާ ރަސްމީކޮށް އުވާލާފައިވާ ވާހަކަ ދެންނެވީމެވެ".
ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
އެމްޑީއެން އުވާލިއިރު، އެ ޖަމިއްޔާއިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރިކަމަށް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން ޔޫތު މިނިސްޓްރީ އަށްވެސް ކަށަވަރުވެ، އެކަން ވަނީ އަންގާފައެެވެ.
އެ ޖަމިއްޔާގެ އިސް ވެރިން މިހާރު ތިބީ ރާއްޖެއިން ބޭރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!